ހިޔާވެހި ސްކީމްގެ ދަށުން ބޯހިޔާވަހިކަމުގެ ލޯނަށް އެދުމަށް މިއަދު ހުޅުވާލައިފި އެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދުގެ ދަށުން "ހިޔާވަހި ފައިނޭންސިން ސްކީމް" މިދިޔަ އަންގާރަ ދުވަހު ލޯންޗުކޮށް، ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލާން މިއަދުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.
އެ ސްކީމުން ލޯނު ދޫކުރަނީ ތިން ކެޓަގަރީއަކަށެވެ. އެއީ؛
– ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް
– އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް
– މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމް
އާބަން ސަރަހައްދުތަކުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ. އޭގައި ސިޓީތަކާއި އަތޮޅުގެ ވެރިކަންކުރާ ރަށްރަށާއި އާބާދީ ބޮޑެތި ރަށްތައް ހިމެނެ އެވެ.
ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ކުރިއަށް ގެންދާ ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ.
އެ ސްކީމުގެ ދަށުން ލޯނު ނަގާ ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ.