Ad

އޭދަފުށީގައި 1000 ހައުސިން ޔުނިޓް، ޖުމްލަ 15 ބުރީގެ ތިން ޓަވަރު

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް، ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

އެ ރަށުގައި 1000 ހައުސިން ޔުނިޓް އަޅަން ޗައިނާ ސިނޯހައިޑްރޯ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ރައީސް އޮފީހުގައި މިއަަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު އެ ދެ ފަރާތުން ވަނީ އެ ކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށް، އެ ފަހުމުނާމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން 15 ފަންގިފިލާގެ ތިން ޓަވަރު އިމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 772 ފުލެޓު ތަރައްގީ ކުރެވޭނެ ކަމަށެވެ. އޭދަފުއްޓަކީ، ރާއްޖޭގައި ތަރައްގީކުރާ އާބަން ސެންޓަރުތަކުގެ ތެރެއިން ތަރައްގީގެ ނާރެހެއްގެ ގޮތުގައި ތަރައްގީވެގެންދާނޭ ރަށެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ހައުސިން ޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަހައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުސަތަކަށް ކަމުގައިވެސް މުއްތަލިބު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފުކޮށް ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިން ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަން ފަހިކޮށްދިނުމަކީ 'ދިވެހީންގެ ރާއްޖެ' މެނިފެސްޓޯގެ މުހިންމު އަމާޒެކެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެ ކަމަށް، މި އަހަރުގެ މާޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި ނޮވެމްބަރު މަހު، "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓު ރައީސް މުއިއްޒު ސިފަކުރެއްވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *