ބިރުވެރިކަން އުފެދޭގޮތަށް އެކްސްގައި ކުރި މައްސަލާގައި އެމްޑީޕީގެ އެކްޓިވިސްޓް, ހުސައިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ޝާފިއުއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުވާން އަންގާފައިވަނީ 8 ނޮވެންބަރުގެ ރޭ 1:14 ގައި އޭނާގެ "ޗާލީ ތުއްތު" ނަމުގައި ހަދާފައިވާ އެކްސްގެ އެކައުންޓުން ހަޑިހުތުރު ބަސް ބޭނުންކޮށް ބިރުވެރިކަން އުފެދޭގޮތަށް ޕޯސްޓެއް ކުރި މައްސަލާގައި ކަމަށެވެ.
މާދަމާ މެންދުރުފަހު 1:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ޝާފިއު ހާޒިރުވާން އަންގާފައިވާއިރު އެ މައްސަލާގައި ސުވާލުކޮށް ބަޔާންނަގަން 4 ގަޑިއިރު ހޭދަވާނެ ކަމަށް ޗިޓުގައި ބުނެފައިވެ އެވެ.
ޝާފިއު އެކްސްގައި ކުރި ޕޯސްޓްގައި ވަނީ ސަރުކާރުން ދާދިފަހުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށް, ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަޑިހުތުރު ބަހުން ލިޔެފަ އެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން "އެކްސް" ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެ ޕޯސްޓުގައި ލިޔެފައި މިއޮތީ “"ށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!" މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެ ކަމަށް ދޭހަވާ ގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފު ކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޙިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒައާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟"
އިހުސާން ވިދާޅުވީ މި ސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފަ ކަމަށް އިހުސާން ވިދާޅުވި އެވެ.