Ad

ރައީސް ރަށަށް ވަޑައިގެން ތަރައްޤީގެ ކަންކަމުގައި މަޝްވަރާކުރުމަކީ އެންމެ ރަނގަޅު ގޮތް: ތޮއްޑޫ ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކުރައްވައިގެން ތަރައްޤީގެ ކަންކަން ބައްޓަން ކުރެއްވުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމުގައި ތޮއްޑޫ ކައުންސިލުން މިއަދު ފާހަގަކުރައްވައިފި އެވެ.

ތޮއްޑޫ ކައުންސިލުން މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު މިއަދު ހެނދުނު ތޮއްޑޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ފެންވަރު ރަނގަޅު ޞިއްޙީ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. މީގެއިތުރުން، ތޮއްޑޫ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ރަށުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ތޮއްޑޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ކައުންސިލްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ދެން ވަޑައިގަންނަވާނީ ރަސްދޫއަށާއި މަތިވެރިއަށެވެ. އަދި މާދަމާ ކ. އަތޮޅުގެ ގާފަރު، ހުރާ އަދި ހިންމަފުށްޓަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *