ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެގޮތުން ރައީސުލްޖުމުހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށް ޖަމާކުރަން ފަށައިފިއެވެ.
ޙާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ކުރިން ޙާފިޒުންނަށް ސަރުކާރުން ދެމުން ދިޔަ 2000 ރުފިޔާގެ އެލަވަންސް މިހާރު ވަނީ 4000 ރުފިޔާއަށް ބަދަލުކޮށްފައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ، ޙާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދެވޭނީ މީގެކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ހެދުމަށްފަހުއެވެ. ނަމަވެސް މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިން، ދަސްވެނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.




