ޔޫރޮޕާ ލީގުގައި ސްކޮޓެލޭންޑްގެ ރޭންޖްސްއާ ޕޯޗްގަލްގެ ބެންފީކާ ވާދަކުރި މެޗު އެއްވަރުވެ ރޭންޖާސްއިން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 3-3 ލަނޑުންނެވެ. މިޗްގެ 2 ވަނަ މިނެޓްގައި ބެންޕީކާއަށް ލީޑު ލިބުނީ ރޭންޖަސްގެ ގޯލްޑްސަން އަތުން ބައިކޮޅަށް ވަތް ލަނޑުން ނެވެ. ބެންފީކާއިން ލީޑު ނެގިތާ މާ ގިނައިރެއް ނުވެ މެޗްގެ 19 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު ނިކޮލަސް އޮޓެމެންޑީއަށް ވަނީ ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އޭގެ ތިން މިނެޓް ފަހުން ރޭންޖަސްއިން ލީޑުނެގީ ބެންފީކާގެ ކުޅުންތެރިޔަކު އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މި ގޯލް ވަތްތާ މިނެޓެއް ފަހުން ރޭންޖަސްގެ ދެވަނަ ގޯލް ކާމިޔާބު ކުރީ ގްލެން ކަމާރާ އެވެ. އެޓީމުގެ 3 ވަނަ ގޯލް 51 ވަނަ މިނެޓްގައި ކާމިޔާބުކުރީ އަލްފެރެޑޯ މޮރޭލޮސް އެވެ. ބެންފީކާއިން ޖެހި 2 ވަނަ ގޯލް މެޗްގެ 77 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރަފާ ސިލްވާއެވެ. އަދި މެޗްގެ ނަތީޖާ ހަމަހަމަވި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ބެންފީކާއަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޑާވިން ނުނޭޒްއެވެ.
މިނަތީޖާއާއެކު 7 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ކުރީގައި އޮތީ ރޭންޖާސް އާއި ބެންފީކާއެވެ. ޕޮޒްނާން ތިންޕޮއިންޓް ލިބިފަވާއިރު ސްޓާންޑާޑް ލީގަށް ޕޮއިންޓެއް ނުލިބެއެވެ.
ލިވަޕޫލްގެ ލެޖެންޑް ސްޓީވަން ޖެރާޑް ރޭންޖަސްގެ ކޯޗްކަމާ ހަވާލުވިފަހުން އެޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.
ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗްތަކަށް ބަލާއިރު ލެސްޓާސިޓީން ވަނީ ޕޯޗުގަލްގެ ބްރާގާ ގެ މައްޗަށް 4-0 އިން ކުރިހޯދާފައެވެ. އަދި އާސެނަލްއާއި މޯލްޑޭ ބައްދަލުކުރި މެޗުން އާސެނަލް މޮޅުވީ 4-1 ލަނޑުންނެވެ.