Ad

މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދު: އެޗްޕީއޭ

މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ތަފާސްހިސާބުތަކުގައި ވަނީ ސެޕްޓެމްބަރު މަހު 12 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޮކްޓޫބަރު މަހުގެ ފަހު ހަފްތާގައި 8 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ އަހަރު ތަކުގައި ޑެންގީ ހުން ޖެހިފައިވާ މިންވަރަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު މަދު ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކަމުގައިވީ ނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކަށް އަލިއަޅުވާލައި އެޗްޕީއޭއިން ބުނީ މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުން މުހިންމު ކަމަށެވެ.

އެޗްޕީއޭއިން ވަނީ ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން މަދިރި އެންމެ ގިނަވާ ހުސް ފުޅި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ބަލި ޖެހިއްޖެނަމަ ހަށިގަނޑަށް ފައިދާހުރި ދިޔާ އެއްޗެހި ބޭނުންކުރުން މުހިންމު ކަމަށެވެ. ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސެޓަމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *