Ad
ޑްރަގް ޑިޓޮކްސިފިކޭޝަން  ސެންޓަރުގެ ބިންގާ އެޅުން. ފޮޓޯ:ރައީސްއޮފީސް
ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުން. ފޮޓޯ:ރައީސްއޮފީސް

އުފެއްދުންތެރި ޒުވާނުން ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަމެއް ކަމަށް ނައިބުރައީސް ވިދާޅުވެއްޖެ

ޤައުމީ ތަރައްޤީގައި ބައިވެރިވާ އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް އައްޑޫ ސިޓީ ހުޅުމީދޫގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމުގައެވެ. އަދި މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން މިންޖުކޮށްދީ، އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ މީހުންނަކީވެސް މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމުގައެވެ.

މިގޮތުން މިއަދު ފަށްޓަވައިދެއްވި މަޝްރޫޢުގެ ދަށުން އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *