Ad

ޗައިނާ ސަރުކާރުގެ އިންޒާރުތަކުގެ ސަބުބުން އެމެރިކާއިން ހިމާޔަތް ހޯދައިގެން އުޅޭ ބިލިއަނަރެއްގެ ވާހަކަ!

އަލީބާބާގެ ވެރިޔާ ޖެކްމާ "ގެއްލުމާ" ގުޅިގެން މައިލްސް ކޮކްގެ ވާހަކަތައް ސޯޝަލް މީޑިޔާގައި ވަނީ ގަދަވެފައި.

ސަރުކާރުގެ ވެރިންގެ ނުރުހުން ކުރިމަވެއްޖެ ނަމަ ޗައިނާގެ މުއްސަނދިންނަށް އޮންނަނީ ތިން ގޮތެކެވެ. ސަރުކާރުގެ ބުނިހާ ގޮތެއް ހެދިގެން އުޅުން ނުވަތަ އާއިލާއާއެކު ޖަލަށް ދިއުން، މަރުވުން ނޫނީ ގައުމު ދޫކޮށް ދިއުމެވެ. ވަކިން ޚާއްސަކޮށް މުއްސަނދިކަމުގައި ވަކި މީހެއްގެ މަގުބޫލުކަން އާންމުންގެ މެދުގައި ބޮޑުވަމުންދާނަމަ ތަފާތު އެކި ތުހުމަތުތަކުން އޭނާގެ ސަހްސު ކަތިލުމާއި ވިޔަފާރިއަށް އިންތިހާ ދުއްތުރާ އެކި ގޮތް ގޮތުން ކުރިމަތިކުރުވައެވެ. ޗައިނާގެ މަޝްހޫރު ރިއަލްސްޓޭޓް ބިލިއަނަރު މައިލްސް ކޮކް ނުވަތަ ގުއޯ ވެންގޫ އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތުތަކާ ދެކޮޅުވި ހިސާބުން ނުރައްކަލާ ކުރިމަތިވެ އެމެރިކާއިން ސިޔާސީ ހިމާޔަތް ހޯދައިގެން ނިއުޔޯގައި ދިރިއުޅެމުން އަންނަ މުއްސަންޖެކެވެ.

އޭނާ އެމެރިކާއަށް އަމިއްލައަށް އަރުވާލެވިގެން ނިއުޔޯކުގެ އެންމެ ހިތްގައިމު ހިސާބުން 82 މިލިއަން ޑޮރަށް އެޕާޓްމަންޓެއް ގަނެގެން އެންމެ ފުރަތަމަވެސް ކުރިކަމަކީ ޔޫޓިއުބާއި ޓްވީޓާ މެދުވެރިކޮށް ޗައިނާ ސަރުކާރުގެ އިސްވެރިންގެ ޒާތީ ސިއްރުތައް ފަޅާއެރުވުމާއި ޗައިނާގެ ބޮޑުން ހިއްސާވެގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހެއްކާއެކު ލީކު ކުރުމެވެ. އެކަމަށްޓަކައި އޭނާގެ އެޕާޓްމަންޓުގައި ޚާއްސަ ސްޓޫޑިއޯއެއް ހަދާފައި ހުރެއެވެ.

މައިލްސް ކޮކް އަކީ 1990ގެ އަހަރުތަކުގައި ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާ ގާތްގުޅުމެއް އޮތް ވަރަށް ނުފޫޒު ގަދަ ވިޔަފާރިވެރިއެކެވެ. ވިޔަފާރީގައި އޭނާއަކީ ވަރަށް ތޫނުފިލި އަދި ގޮތްދޫނުކުރާ މިޒާޖުގެ މީހެކެވެ. އޭނާގެ ބަހުންނަމަ ސަރުކާރާ އޭނާދެމެދު ހިޔާލު ތަފާތުވުން އުފެދުނީ ސަރުކާރުގެ ވެރިން، ޕްރޮޖެކްޓްތަކުން ކަމިޝަން ހޯދަން ޑިމާންޑްކޮށް ބިރުދައްކަން ފެށި ހިސާބުންނެވެ. ބައެއް އެހެން ވިޔަފާރިވެރިން ވެސް ތަޖުރިބާކުރި ގޮތަށް މަރާ ކުރިމަތިލާން ޖެހިދާނެކަން ކަށަވަރުވުމުން އޭނާ އެމެރިކާގެ ހިމާޔަތް ހޯދާ އެމެރިކާގައި ވަޒަންވެރިވީއެވެ. އެހެންނަމަވެސް މައިލްސް ކޮކްގެ އާއިލާ ހައްޔަރުކޮށް ޗައިނާ ސަރުކާރުން ވަނީ އެމީހުން ޖަލަށް ލާފައެވެ.

މައިލްސް ކޮކް ޗައިނީޒް ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އާ ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ވާހަކަ ދައްކަން ފެށުމުން ޗައިނާއިން ވަނީ އޭނާ އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ. އަދި ޕްރޮޖެކްޓްތައް ކާމިޔާބުކުރުމުގައި ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމަށް އިންޓަޕޯލުގެ ރެޑް ނޯޓިސް ވެސް ޗައިނާއިން އެދިގެން ނެރުނެވެ. އެހެންނަމަވެސް އެމެރިކާއިން އެކަމަށް އިޖާބައެއް ނުދިނެވެ.

އަހަރެން ޗައިނާ ދެކެ ލޯބިވޭ. ޗައިނާ މީހުން ދެކެ އެއްވެސް ދެކޮޅުވެރިކަމެއް ނެތް. އަހަރެން ބޭނުންވަނީ ސީސީޕީ (ޗައިނީޒް ކޮމިއުނިސްޓް ޕާޓީ) ބަލިކުރަން. އެކަން އަހަރެން ބޭނުންވޭ،" ތަރުޖަމާނެއްގެ އެހީއާއެކު އެމެރިކާގެ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި މައިލްސް ކޮކް ކިޔައިދިނެވެ. "ސީސީޕީ އިން ގެންދަނީ ތަފާތު އުކުޅުތައް މެދުވެރިކޮށް އަހަރެން ޗައިނާއަށް އަނބުރާ ގެންދެވޭތޯ މަސައްކަތްކުރަމުން. މިތަނަށް (އެމެރިކާއަށް) މީހުން ފޮނުވައިފި ޑީލް ހަދަން. އަހަރެންނަށް އަބަދުވެސް ފާރަލަމުން އެބަ ގެންދޭ. އެމީހުން ބިލިއަނުން އެބަ ހަރަދުކުރޭ، އަހަރެން ހޯދަން ވެގެން. ޗައިނާގެ ސީކްރެޓް ސާވިސްގެ މެންބަރުން އެމެރިކާއަށާއި އިނގިރޭސިވިލާތަށް ވެސް ފޮނުވައިފި. ސީސީޕީ ބޭނުންވަނީ އަހަރެން މަރާލަން. ކީއްވެ؟ އެއީ އެމީހުންގެ ކޮރަޕްޝަންގެ ވާހަކަ ދައްކާތީ. އެމީހުންގެ ސިޔާސަތަށް ފާޑުކިޔާތީ."

އޭނާ ބުނި ގޮތުގައި އަލިބާބާގެ އޯނަރު ޖެކް މާ އާއި އިތުރު ފަސް ވިޔަފާރިވެރިންނާ ޗައިނާ ސަރުކާރުގެ "ސިއްރު އެޖެންޓުން" ބައްދަލުކޮށް، އެމީހުންގެ މުއްސަނދިކަން ޗައިނާގެ ރައްޔިތުންނަށް ހިއްސާ ކުރުމަށާއި ސަރުކާރު ހިންގާ ޕާޓީގެ ހަރަކާތްތަކަށް އިތުރަށް ޚަރަދުކުރުމަށް ވަނީ އަންގާފައެވެ.

"ޖެކް މާ އަށް ވެސް ޗައިނާގައި އުޅެން ބޭނުމިއްޔާ ހަމަ އެމީހުން ބުނި ގޮތެއް ހަދައިގެން އުޅުން. އެހެންނޫނީ ވިޔަފާރި ފުނޑުފުނޑުކޮށްލާނެ ނޫނީ މީހާ ގެއްލުވާލާނެ. މަރާލާނެ، އާއިލާއަށް ދުއްތުރާކުރާނެ. މިހާތަނަށްވެސް ޖެކް މާ އަށް ޗައިނާ ފަސްގަނޑުން ޖާގަ ލިބިފަ އޮތީ ސަރުކާރާ ބައިއަތު ހިފައިގެން، އެމީހުންގެ ކަންކަމާމެދު ލޯމަރާލައިގެން، ބީރު ކަންފަތެއް ދީގެން ހުންނާތީ. އެނޫން ދުވަހެއް އަންނަ އިރަށް މުޅި މަންޒަރު ބަދަލުވާނެ. އަހަރެން މިކުރާ ތަޖުރިބާކުރަން ޖެހޭނެ،" މައިލްސް ކޮކްގެ އިންޓަވިއުގައި ބުންޏެވެ.

ޖެކް މާގެ ވާހަކަ ދައްކާލަމާ ހެއްޔެވެ؟ ދާދި ފަހުން ޗައިނާގެ ފައިނޭންޝިއަލް ނިޒާމަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިއުމަށް ފަހު ކުއްލިއަކަށް އޭނާ "ގެއްލިއްޖެ" ކަމަށް މީޑިޔާގައި އަޑުގަދަ ވެފައިވަނީ އެ ވާހަކަތަކަށް ފަހު އޭނާގެ ޓްވީޓެއް ނުފެނެއެވެ. އޭނާގެ އިންޓަވިއުއެއް އަޑެއް ނުއިވެއެވެ. އާންމުކޮށް ފެނިއެއް ނޫޅެއެވެ. އަޑެއް ނެތެވެ. ވީނުވީއެއްވެސް ނޭނގެއެވެ. މިއީ މައިލްސް ކޮކް ކުރިން ދެއްކި ވާހަކަތަކާ ވަރަށް ބޮޑަށް ގުޅުވާލެވިދާނެ ފަހުގެ ހާދިސާއެކެވެ.

މައިލްސް ކޮކް އަބަދުވެސް ޗައިނާގެ އިސްވެރިންނަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ. ޚާއްސަކޮށް ކޮރަޕްޝަނާއި މަނީ ލޯންޑަރކުރުމުގެ ތުހުމަތެވެ.

"ބޭންކް އޮފް ޗައިނާގެ ހޮންގްކޮންގް ބްރާންޗަކީ ސީސީޕީ ވެރިންގެ ފައިސާ ލޯންޑަރކުރުމުގެ މަސައްކަތްކޮށްދޭ އެއް ބޭންކް. ޗައިނާ ޑިވެލޮޕްމަންޓް ބޭންކަކީ ބޮޑުންނަށް ކަމިޝަން ލިބޭ ގޮތަށް ފަގީރު ގައުމުތަކުގައި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްތަކަށް ލޯނު ދޫކުރާ ބޭންކް. އެ ބޭންކުން އެފްރިކާ، ޕާކިސްތާން، އެނޫންވެސް ގައުމުތަކަށް ލާރި އޮއްސަމުން އެދަނީ. ޕްރޮޖެކްޓުގެ އަގި އާދަޔާ ހިލާފަށް މަތިކޮށް ލާރި ނަގަމުން އެދަނީ. ނަތީޖާއެއްގެ ގޮތުން އެބޭންކުތަކުގެ ލޯނުތަކުގެ 45 ޕަސެންޓަކީ ބޭޑް ލޯންސް،" އޭނާ ކިޔައިދިނެވެ. " މިންޝެންގް ބޭންކް އެއީ ލީޑަރުންނާއި އެމީހުންގެ އާއިލާ މެންބަރުންގެ ލާރި އަނބުރަން ގެންގުޅޭ ބޭންކެއް. އެމީހުން ވަނީ ސިއްރިއްޔާތުގައި އިންޝުއަރެންސް ކުންފުނިތަކަށް ވެސް އިންވެސްޓްކޮށްފަ."

އޭނާ ތުހުމަތުކުރާ ގޮތުގައި ޗައިނާ ސަރުކާރުން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެޖެންޓުން ބައިތިއްބައިގެން ޕްރޮޖެކްޓް ހޯދުމުގެ މަޝްއެއް ފަށާފައެވެ. އެ އެޖެންޓުން މެދުވެރިވެއްޖެނަމަ ޗައިނާގެ ބޮޑެތި ބޭންކުތަކުން ދިގު ވެގެން ދެ ހަފުތާއިން ލޯނު ލިބެއެވެ. އެހެންނަމަވެސް ބްރޯކަރ ފީ ނުވަތަ ފައިންޑަރ ފީގެ ގޮތުގައި މުޅި މަޝްރޫޢުގެ 10-35 ޕަސެންޓް އޭނާއަށް ދޭން ޖެހެއެވެ.

"އެގޮތަށް ލިބޭ ފައިސާއިން ސީސީޕީގެ ވެރިން މުއްސަނދިވަމުން އެދަނީ. އެފައިސާ ގައުމުން ބޭރުގައި އެ އިންވެސްޓްކުރަނީ،" އޭނާ އިތުރަށް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ޗައިނާ ސަރުކާރުން ގެންގުޅޭ ބީޖީވައި ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ރިވޮލިއުޝަނެއް ގެނައުމަށް ފުރުސަތު ނުދިނުމަށްޓަކައި ވިސްނުންތެރިކަމާއެކު ސައިބަރ ކޮންޓްރޯލުކޮށް، ޗައިނާގެ ބޮޑު އާބާދީއެއް ދުނިޔެއާ މުޢާސަލާތީ ގޮތުން ވަނީ އެކަހެރިކޮށްލާފައެވެ.

"ސީސީޕީ އިން ދެކޭ ގޮތުގައި ޗައިނާ ރައްޔިތުން އަޑު އަހަން ވާނީ ޕާޓީން ބުނާ ވާހަކަތައް. ހުރިހާ އެއްޗެއްގެ މިލްކުވެރިއަކީ ޕާޓީ. މައިންބަފައިންނަށްވުރެ ވެސް ޕާޓީ ދެކެ ލޯބިވާންވާނެ،" ބިލިއަނަރުގެ ޗައިނާ ސަރުކާރު ހިންގާ ޕާޓީއަށް ފާޑުކިޔަމުން ބުންޏެވެ. "މައިންބަފައިންނަށްވުރެވެސް ޕާޓީދެކެ ލޯބިވާން ބުނުމަކީ ކޮންކަހަލަ ކަމެއް؟

ޗައިނާ ސަރުކާރާ ދެކޮޅަށް ތިވަރަށް މަސައްކަތްކުރަނީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ޖަވާބު ދިނެވެ؛

"އަހަރެންނަށް ޗައިނާ ސަރުކާރު ރުއްސައިގެން އުޅެވިދާނެ. ލާރި އާއި މިލްކިއްޔާތުގައި މުދާ، އެސެޓްސް އެބަހުރި. ޕްރައިވެޓް ޖެޓް. ލަގްޒަރީ ޔޮޓްސް އެބަހުރި. އެކަމަކު އަހަރެން ކަހަލަ އެތައް ބަޔަކަށް އޮތް ބިރުވެރިކަން ނައްތާލަން ބޭނުންވޭ. މިނިވަންކަމާއެކު ޗައިނާގެ ވިޔަފާރިވެރިންނަށް ސަރުކާރުގެ އިންޒާރުތަކާ ނުލާ އުޅެވޭނެ މާހައުލެއް ހޯދައިދޭން އެބަ ޖެހޭ. ކިތައް މީހުން މިހާރު މަރުވެ ގޮއްސި، ގެއްލިއްޖެ. އެކަންކަމުގެ ހަގީގަތް އެނގެނީ ކާކަށް. އެނގޭހާވެސް ކަމަކީ އެ ކޮންމެ ހާދިސާއެއްވެސް ހިނގަނީ ޗައިނާ ސަރުކާރަށް ފާޑުކިޔާ ހިސާބުން ނޫނީ އެމީހުން ބުނާ ގޮތަކަށް އަމަލު ނުކުރި ހިސާބުން. އެހެންވެ ސީސީޕީ ބަލިކަށި ކުރަން ބޭނުންވޭ. މި މަސައްކަތް ހުއްޓައެއް ނުލާނަން."

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *