Ad

ޔޫރޯ 2020: ޖަރުމަން

ޖަރުމަންވިލާތަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. ފުޓުބޯޅައިގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ދުނިޔޭގެ މަތީ ފަންތީގެ ޤައުމެކެވެ. ޖަރުމަންވިލާތުގެ ދާޚިލީ ހަމަނުޖެހުންތަކާއި ގުޅިގެން ޤައުމު ދެބައިވެފައި އެތައް ޒަމާނެއްވަންދެން ދެމިއޮތެވެ. އޭރު ޖަރުމަންވިލާތުގެ ތެރެއިން އުފެދިގެންދިޔަ ޤައުމުތަކެއް އެބަހުއްޓެވެ. ޕޮލެންޑްގެ އާބާދީގެ ނިސްބަތުން ގިނަޢީ ޖަރުމަން ދަރިކޮޅުގެ މީހުންނެވެ. ޖަރުމަންވިލާތަށް ކުރިން ކުޅުން ލޫކަސް ޕޮޑޮލްސްކީ އަކީ ޕޮލެންޑް މީހެއްގެ ދަރިއެކެވެ. މީގެ އިތުރުން، ތުރުކީގެ ގިނަ ބަޔަކު ޖަރުމަނަށް ދިރިއުޅުން ބަދަލުކުރިއެވެ. ޖަރުމަންވިލާތުގެ ޤައުމީ ޓީމުގައި އަދި ބުންޑެސް ލީގުގައި ކުޅޭ ތުރުކީ ދަރިކޮޅުގެ ކުޅުންތެރިން ވަރަށް ގިނައެވެ. ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ޖަރމަނީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން، ކުރީގެ ކުޅުންތެރިޔާ، މެހްމެޓް ޝޯލް، މެސުތް އޮޒިލް، ސާމީ ކެދީރާ، އަދި މިހާރުގެ މިޑްފީލަޑަރ އެމްރޭ ކޭން އަދި ގުންޑޮގަން ފާހަގަކުރެވެއެވެ. ފީފާ ރޭންކިންގައި ޖަރުމަންވިލާތުގެ މިހާރުގެ ވަނަ އަކީ 12 އެވެ.

ކޯޗް:

ޖަރުމަންވިލާތުގެ ކޯޗަކީ ޖޯކިމް ލޯ އެވެ. ޖޯކިމް ލޯ އަކީ 2004 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް ޖަރުމަންވިލާތުގެ އެސިސްޓެންޓް ކޯޗެވެ. ޖަރުމަންވިލާތުގެ ހެޑް ކޯޗަކަށް ޖޯކިމް ލޯ ހަމަޖެއްސީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު ލިބުނު ނާކާމިޔާބީއާއި ގުޅިގެން އޭރުގެ ހެޑް ކޯޗު ޖޯގެން ކްލިންސްމަން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

ޖޯކިމް ލޯ އަށް ޖަރުމަންވިލާތާއެކު ހޯދުނު ހަމައެކަނީ ކާމިޔާބަކީ 2014 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމެވެ. އެފަހަރު ޖަރުމަންވިލާތުގައި އޮތް ޓީމަކީ ޖަރުމަނުގެ ރަންޖީލެވެ. އެއަށްފަހު، ފުޓުބޯޅައިގާ ޖަރުމަނާއެކު މާބޮޑެތި ކާމިޔާބުތަކެއް ޖޯކިމް ލޯއަށް ހޯދިފައިނުވެއެވެ. މިފަހަރުގެ ޔޫރޯ އަށްފަހު ޖަރުމަންވިލާތުގެ ޤައުމީ ޓީމުން އިސްތިއުފާދޭނެކަން ޖޯކިމް ލޯ ވަނީ ދުރާލައި އިޢުލާނުކޮށްފައެވެ.

 

ކުޅުންތެރިން:

ޖޮކިމް ލޯ އިޢުލާންކުރި ޓީމުގައި މާބޮޑެތި ސަޕްރައިޒިންގ ނަމެއް ފާހަގައެއް ނުކުރެވެއެވެ. މިފަހަރު ޓީމުގައިވެސް އެންމެ މުހިންމު ކުޅުންތެރިޔަކީ ތަޖުރިބާކާރު ގޯލް ކީޕަރ މެނުއަލް ނޯޔަރ އެވެ. އޭނާވަނީ ޖަރުމަންވިލާތަށް 100 މެޗު ކުޅެދީފައެވެ. ޑިފެންސް ލައިންގައި މުހިންމު ކުޅުންތެރިއަކީ ޗެލްސީގެ ރުޑިގަރ އެވެ. އޭނާއަކީ މިނިމުނު އިންގްލިޝް ޕްރިމިއަރ ލީގްގައި ތަފާތު މޮޅުކުޅުމެއް ކުޅުނު ކުޅުންތެރިއެކެވެ.  މެދުތެރެއިން ޓީމު ލައްވައި ކުޅުވަދިނުމުގެ ޒިންމާ ކޮނޑުގައި އެޅިފައި އޮތީ ރެއަލް މެޑްރިޑްގެ ޓޯނީ ކްރޫސް އަށެވެ. ޖަރުމަންވިލާތުގެ ޕްލޭމޭކަރަކީ ކްރޫސް އެވެ. ފޯވަޑް ލައިނުގައި ބަޔާން މިޔުނިކަށް ކުޅޭ ތޯމަސް މުލަރ އާއި ޗެލްސީގެ ޓިމޯ ވާނަރ މިފަހަރުވެސް ފާހަގަކުރެވެއެވެ.

ޖަރުމަން ވިލާތުގެ ޓީމުގައި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ގޮތުގައި ތިބީ، މެދުތެރެއަށް ކުޅޭ ބަޔާން މިޔުނިކްގެ ކިމިޗް އާއި ޗެލްސީގެ ހާވެޒްއެވެ. ހާވެޒް މިނިމުނު ސީޒަން ނިންމާނީ ޗެމްޕިއަންސް ލީގު ޗެލްސީއަށް ހޯދައިދިނުމަށްފަހު އެވެ. ދެން އެންމެ ފާހަގަ ކޮށްލެވެނީ އުމުރުން އެންމެ 18 އަހަރުގެ ޖަމާލް މޫސިއާލާއެވެ. މޫސިއަލާ އަކީ މާކުރިންވެސް ޓީމުގައި ހިމެނޭނަކަން ޖަރުމަންވިލާތުގެ މީޑިއާތަކުން ޔަޤީންކޮށްދީފައިވާ ކުޅުންތެރިއެކެވެ.

އެހެންޓީމުތަކާމެދު:

ގްރޫޕް ސްޓޭޖްގައި ޖަރުމަނު އޮތީ ގްރޫޕް އޮފް ޑެތު ނުވަތަ މަރުގެ ގުރޫޕުގައެވެ. މިގުރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އާއި ހަންގޭރީއެވެ. ޔަޤީނުންވެސް މިއީ އެއްވެސް ޓީމަކަށް ފަސޭހަ ގްރޫޕަކަށް ނުވާނެއެވެ. ޖަރުމަންވިލާތުން އެންމެ ޖެހިލުންވާ ޓީމަކީ ފްރާންސެވެ. ފްރާންސުންވަނީ 2014 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން 3 ފަހަރަކު ޖަރުމަންވިލާތް ބަލިކޮށްފައެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރު ޔޫރޯ ގެ ސެމީ ފައިނަލް އާއި 2019 ވަނަ އަހަރުގެ ނޭޝަންސް ލީގު ހިމެނެއެވެ.

ޢުއްމީދު:

ޖަރުމަންވިލާތުގެ ރައްޔިތުންގެ ޢުއްމީދަކީ ޗެމްޕިއަންކަމެވެ. އެނޫން ޢުއްމީދެއް މިހާރުގެ ޓީމުގެ ކިބައިން އެޤައުމުގެ ރައްޔިތުން ނުކުރެއެވެ. އެހެން ނަމަވެސް، މީގެ ކުރީގައި ކާމިޔާބު ހޯދި ޖަރުމަންވިލާތުގެ ޓީމުތަކާއި މިހާރުގެ މިއޮތް ޓީމާއި ވަރަށް ތަފާތެވެ. 2004 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު 2006 ވަނަ އަހަރުގެ ވޯލްޑްކަޕަށް ޖަރުމަންވިލާތްވަނީ ރީބިލްޑް ކޮށްފައެވެ. އެއީ ބެސްޓިއަން ޝްވެއިންސްޓެއިގަރ އަދި ކާމިޔާބު ކެޕްޓަން ފިލްޕް ލާމް އާއި އެކުއެވެ. އޭގެ ފަހުން 2016 ވަނަ އަހަރާއި ހަމައަށް ޖަރުމަނަކީ އެފަދަ ދެވަނަ އެއް ނެތް ޓީމެކެވެ. އެހެން ނަމަވެސް، މިހާރު ޖަރުމަނަކީ ދުނިޔޭގެ ފުޓުބޯޅައިގެ އާދައިގެ ކުޅުމެއްކުޅޭ، ފަޚުރުވެރި މާޒީއެއް އޮތް ޓީމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *