Ad

ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި

ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާގެ ތެރެއިން ރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާއިން ކޯ ހޯސްޓްކުރި ސިޑްސްގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ސިޑްސް ނުވަތަ ކުދި ޖަޒީރާ ގައުމުތަކަށް އެކި ކަންކަމުގައި މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ ކޯ ޗެއަރގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިޑްސްގެ ގައުމުތަކުގެ އިގްތިސާދުތައް ބަރޯސާވެފައިވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން އިގްތިސާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިގްތިސާދު ސިންދަފާތުކުރުމަކީ ހަމައެކަނި ހާސިލުކުރަން އޮތް އަމާޒެއް ނޫންކަމަށާއި، އެއީ ސިޑްސްގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭކަމެެއްކަމަށެވެ. އަދި އެކަން ކުރެވޭނީ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކޮށްގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިޞާދު ސިންދަފާތުކުރުމަށް މާލީ އެހީ ބޭނުންވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން މިހާރު ކުރިމަތިވެފައިވާ ބުރަތައް ލުއިކޮށްދީ، ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭން މަސައްކަތްކުރަން ޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް މުޖްތަމައުގެ ބާރުވެރިކަން އިތުރުކޮށް، މުއައްސަސާތައް ހަރުދަނާކޮށް، އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބިލްޑިން ރެޒިލިއަންޓް ފިއުޗަރ : ދަ ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް ބައްދަލުވުމަކީ، އދގެ އާއްމު މަޖިލީހުގެ ކުރިން ބާއްވާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާ ބަދަލުވުމެކެވެ.

ރާއްޖޭގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. 79 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *