Ad

ޔޫރޯ ފުޓުބޯޅަ މުބާރާތް ދެކެފައިވާ މޮޅެތި ކުޅުންތެރިން 

ޒައިނުއްދީން ޒިދާން (ފްރާންސް)

ފްރާންސްގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ލަޤަބު ލިބިފައިވާ ޒިދާނަކީ ދުނިޔެ މިހާތަނަށް ދުއް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޒިދާނުގެ ފުޓުބޯޅަ ކެރިއަރުގައިވަނީ 3 ޔޫރޯ އެއް ކުޅެދީފައެވެ. އެއީ، 1996 ވަނަ އަހަރުގެ މުބާރާތާއި، 2000 ވަނަ އަހަރުގެ ޔޫރޯ އަދި 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތެވެ. މީގެ ތެރެއިން، 2000 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ފްރާންސްއިން ހޯދިއިރު، ޒިދާނަކީ ޓީމުގެ މައި ތަނބެވެ. އެމުބާރާތުގައި ޒިދާނު ދެއްކި ހުނަރުވެރިކުޅުމާއެކު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ލިބުނީ ޒިދާނަށެވެ.

ލެވް ޔެޝިން (ސޮވިއެޓް ޔޫނިއަން)

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފެނުނު އެންމެ މޮޅު ގޯލްކީޕަރ ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރާ ލެވް ޔެޝިން އަކީ އެންމެ ފުރަތަމަ ބޭއްވި ޔޫރޯ 1960 އަދި 1964 ފުޓުބޯޅަ މުބާރާތުގައިވެސް އެންމެ މޮޅު ގޯލްކީޕަރކަމުގެ މަޤާމު ހޯދި ކުޅުންތެރިޔާއެވެ. ބެލޮންޑޯރ މިހާތަނަށް ހަމައެކަނި ލިބުނު ގޯލްކީޕަރަކީވެސް ލެވްޔެޝިންއެވެ. ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުންނަށް ދޭ އެވޯޑަށް ނަންދީފައިވަނީވެސް "ލެވް ޔެޝިން" ގެ ނަމުންނެވެ. ލެވް ޔެޝިންގެ މުޅި ކެރިއަރުގައި އޭނާވަނީ 150 ޕެނަލްޓީ މަތަކޮށްފައިކަމުގައި ފީފާގެ ރެކޯޑުތަކުން ދައްކައެވެ. މިއީ، އެހެން ގޯލްކީޕަރަކަށް މީގެ ކުރީގައި ލިބުނު ރެކޯޑެއް ނޫނެވެ.

ފްރާންޒް ބެކެންބަރ (ޖަރމަނީ)

ފްރާންޒް ބެކެންބަރ އަކީ ޖަރުމަންވިލާތުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ފުޓުބޯޅަ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން ބެކެންބަރވަނީ ތިން ވޯލްޑްކަޕާއި 3 ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅެދީފައެވެ. ފްރާންޒް ބެކެންބަރ އަކީ ވޯލްޑްކަޕާއި ޔޫރޯ ފުޓުބޯޅަ މުބާރާތް ކެޕްޓަނެއްގެ ހައިސިއްޔަތުން ހޯދި 3 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޔޫރަޕުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމު ބެކެންބަރވަނީ ދެ ފަހަރު ހޯދާފައެވެ. 1972 ވަނަ އަހަރު ޔޫރޯ އޭރުގެ ވެސްޓް ޖަރމަނީ ހޯދިއިރު އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ ބެކެންބަރ އެވެ.

ޕައޮލޯ މަލްޑިނީ (އިޓަލީ)  

އިޓަލީގެ ޑިފެންޑަރ ޕައޮލޯ މަލްޑިނީއަކީ ދުނިޔެ ދުއް އެންމެ މޮޅެތި ޑިފެންޑަރުންތެރޭގައި ހިމެނޭ ޑިފެންޑަރެކެވެ. 1996 ވަނަ އަހަރާއި 2000 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޑްރީމް ޓީމުގައި މަލްޑިނީ ހިމެނުނެވެ. މުޅި ކެރިއަރ އިޓަލީގެ އޭސީ މިލާނުގައި ހޭދަކުރި މަލްޑިނީ ފުޓުބޯޅަކުޅުން ހުއްޓާލީ 2009 ވަނަ އަހަރުއެވެ. ކުޅުންތެރިއެއްގެ ހައިސިއްޔަތުން މަލްޑިނީވަނީ 3 ޔޫރޯ އެއްގައި އިޓަލީއަށް ކުޅެދީފައެވެ. ބެލޮންޑޯގެ ބްރޯންޒް ދެ ފަހަރަކު މަލްޑިނީ ހޯދިއެވެ. އެއީ، 1994 އަދި 2003 ވަނަ އަހަރުއެވެ.

ރުއި ކޯސްޓާ (ޕޯޗުގަލް)

ރުއި ކޯސްޓާއަކީ ޕޯޗުގަލްގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރެވެ. ކްލަބް ކެރިއަރުގައި ބޮޑުބައި ރުއި ކޯސްޓާ ހޭދަކުރީ އިޓަލީގެ ފިއޮރެންޓީނާ އަދި އޭސީ މިލާނުގައެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތުގެ 3 މުބާރާތެއްގައި ރުއި ކޯސްޓާވަނީ ޕޯޗުގަލްއަށް ކުޅެދީފައެވެ. އޭގެ ތެރެއިން 1996 އަދި 2000 ވަނަ އަހަރުގެ ޑްރީމް ޓީމުގައި ރުއި ކޯސްޓާ ހިމެނުނެވެ. 2004 ވަނަ އަހަރުގެ ޔޫރޯ ޕޯޗުގަލް އަށް ނާކާމިޔާބުވުމާއެކު، ރުއި ކޯސްޓާވަނީ ބައިނަލް އަޤްވާމީ ފުޓުބޯޅައިން ރިޓަޔަރކޮށްފައެވެ.

ޑާވޯރ ސޫކަރ (ކްރޮއޭޝިއާ)

ކްރޮއޭޝިއާގެ ޑާވޯ ސޫކަރއަކީ އެޤައުމުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. 1996 ވަނަ އަހަރުގެ ޔޫރޯ އާއި 1998 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ކްރޮއޭޝިއާ ހޯދި ހުރިހާ ކާމިޔާބެއްގެ މައި މޭސްތިރިއަކީ ސޫކަރއެވެ. މީޑިއާގައި ސޫކަރ ވާހަކަ ދެއްކުން މަދުކަމުގައިވީނަމަވެސް، ސޫކަރ އަކީ ބައިނަލް އަޤުވާމީ ފުޓުބޯޅައިގާ ބޮޑު ނަމެކެވެ. 1996 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވި ޔޫރޯގައި 4 މެޗުން 3 ގޯލް ސޫކަރ ޖަހައިދިނެވެ. މީގެ ތެރެއިން ޑެންމާކު ކޮޅަށް ޕެނެލްޓީ އޭރިޔާ ތެރެއަށް ނުވަދެހުރެ، ވައަތު ފައިން ޗިޕުކޮށްލައި ޑެންމާކު ކޮޅަށް ސޫކަރ ޖެހި ގޯލުގެ ވާހަކައަކީ މިހާރުވެސް އެންމެ ގިނައިން ދެކެވޭ ވާހަކައެވެ.

ރިސްޓޯ ސްޓޮވިޗްކޯ (ބަލްގޭރިއާ)

1990 ގެ ފަހުކޮޅުގައި ދުނިޔޭގެ ފުޓުބޯޅައިގާ ދެވަނައެއް ނެތް ބަލްގޭރިޔާގެ ސްޓޮވިޗްކޯ އަކީ އެޤައުމުގައި މިވީ 50 އަހަރު އެފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާއެވެ. ސްޓޮވިޗްކޯ ވަނީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ބޮޑެތި އެތަކެއް ކާމިޔާބުތަކެއް ހޯދާފައެވެ. ސްޓޮއިޗްކޯ އަކީ 1996 ވަނަ އަހަރުގެ ޔޫރޯ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިއެވެ. ބެލޮންޑޯ 1994 ވަނަ އަހަރު ހޯދައި ބަލްގޭރިއާގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު 5 ފަހަރު ސްޓޮވިޗްކޯ ހޯދިއެވެ. ކްލަބް ފެންވަރުގެ ބާސެލޯނާ އަދި ޕާމާގެ ރަންދުވަސްވަރު އެޓީމަށް ދެ ސީޒަނެއްގައި ސްޓޮވިޗްކޯ ކުޅެދީފައިވެއެވެ.

އެލްސެންޑްރޯ ޑެލްޕިއެރޯ (އިޓަލީ)

އިޓަލީގެ ލެޖެންޑް އެލްސެންޑްރޯ ޑެލްޕިއެރޯއަކީ އިޓަލީގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އިޓަލީގެ ސީނިއަރ ޓީމަށް ޑެލްޕިއެރޯ އެންމެ ފުރަތަމަ ކުޅެފައިވަނީ 1995 ވަނަ އަހަރުއެވެ. 1996 ވަނަ އަހަރު ޔޫރޯ އަކީ ޑެލްޕިއެރޯ އިޓަލީ ޓީމަށް ކުޅެދިން ފުރަތަމަ ބައިނަލް އަޤްވާމީ ފުޓުބޯޅަ މުބާރާތެވެ. އަދި، 200 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އިޓަލީ ފައިނަލަށް ގެންގޮސްދިނުމުގައި ޑެލްޕިއެރޯގެ ދައުރު ވަރަށް ބޮޑެވެ. ޑެލްޕިއެރޯއަކީ އިޓަލީގެ އިޓާލިއަން ސެރިއޭގައި ޔުވެންޓަސްގައި ގިނަ ޢަދަދެއްގެ ރެކޯޑު ހަދާފައިވާ ކުޅުންތެރިއެކެވެ. ޤައުމީ ޓީމަށް ކުޅެދިން 97 މެޗުގައި 27 ގޯލު ޑެލްޕިއެރޯވަނީ ކާމިޔާބުކޮށްދީފައެވެ.

ޕައުލް ސްކޯލްސް (އިންގްލެންޑް)

ޕައުލް ސްކޯލްސްއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި މިޑްފިލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޕައުލް ސްކޯލްސްގެ މުޅި ކެރިއަރ އެއްކޮށް ހޭދަކުރީ މެންޗަސްޓަރ ޔުނައިޓެޑްގަވެ. ޕާސް ދިނުމާއި، ދުރުން ޝޮޓް ނެގުމުގައި ޕައުލް ސްކޯލްސްގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ފުޓުބޯޅަ ލެޖެންޑް ޒިދާނުބުނެފައިވާ ގޮތުގައި، ޕައުލް ސްކޯލްސްއަކީ، އޭނާ އާއި ދެކޮޅަށް ކުޅުނު އެންމެ ހިފަހައްޓާލަން އުނދަގޫ ކުޅުންތެރިޔާއެވެ. ޕައުލް ސްކޯލްސްވަނީ 66 މެޗުގައި 14 ގޯލް ޤައުމީޓީމަށް ޖަހައިދީފައެވެ. ޕައުލް ސްކޯލްސްވަނީ އިނގިރޭސިވިލާތުގެ ޤައުމީ ޓީމުގައި ހިމެނިގެން 2000 ވަނަ އަހަރާއި 2004 ވަނަ އަހަރުގެ ޔޫރޯގައި އިނގިރޭސިވިލާތުގެ ޤައުމީ ޓީމަށް ކުޅެދީފައެވެ.

އަންދުރޭ އިނިއެސްޓާ (ސްޕެއިން)

އެއްވެސް ޝައްކެތް ނެތްގޮތުގައި އިނިއެސްޓާއަކީ ސްޕެއިންގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރެވެ. އިނިއެސްޓާވަނީ ސްޕެއިންގެ ޤައުމީ ޓީމަށް 131 މެޗު ކުޅެދީފައެވެ. 2008 ވަނަ އަހަރާއި، 2012 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ސްޕެއިން ހޯދިއިރު، އިނިއެސްޓާއަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. މެދުތެރެއިން އިނިއެސްޓާ ހުރެގެން ޓީމު ލައްވާ ކުޅުވައިދީ، ގޯލްޖެހުމުގައި އެހީތެރިވެދީފައިވެއެވެ. 2008 ވަނަ އަހާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޑްރީމްޓީމުގައި އިނިއެސްޓާ ހިމެނުނުއިރު، 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ސްޕެއިންއަށް ހޯދައިދިން ގޯލް އިނިއެސްޓާ ކާމިޔާބުކުރީ މެޗުގެ 119 ވަނަ މިނެޓްގައެވެ. އިނިއެސްޓާވަނީ ބެލޮންޑޯ ގަދަ ފަހެއްގައި 3 ފަހަރަކު ހިމެނިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *