ކޮވިޑް -19ގެ ސަބަބުން މުޅި ދުނިޔެ ހުއްޓިފައި އޮންނަތާ ދެ އަހަރުވެގެން ދިޔައީއެވެ. ވިޔަފާރިތައް ބަނގުރޫޓުވެ ގައުމުތަކުގެ އިގްތިސާދު ހަލާކުވެއްޖެއެވެ. ވަޒީފާތައް ގެއްލި، އެތައް މިލިއަން ބަޔަކު ހާލުގައި ޖެހި ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މި ހުރިހާ ކަމެއް އަދިވެސް ދިގު ދެމިގެން ހިނގައިދާނެ ކަމުގެ އިޝާރާތްތައް ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ދެމުން ގެންދާތީ ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ވަނީ ކޮވިޑާއެކު އުޅެން ދަސްކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ސިންގަޕޫރުން ނިންމާފައިވަނީ ކޮވިޑް-19އަކީ އާދައިގެ ރޯގާއެއް ގޮތުގައި ބަލައިގެން، ގައުމު ހުޅުވާލުމަށެވެ. އެނޫން ގޮތަކަށް ކުރިއަށް ފިޔަވަޅެއް އެޅެން ނެތް ކަމަށް އެގައުމުން ދެކެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެގައުމުގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން ވިދާޅުވެފައިވަނީ ކޮވިޑާއެކު ދިރިއުޅެން ރައްޔިތުން ދަސްކުރުން މުހިއްމު ކަމަށާއި ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް އަވަހަށް ލުއި ދެއްވާނެ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ވެކްސިންގެ ދެޑޯޒް ހަމަކުރުމުން ދުނިޔެއަށް ހަމަނޭވާއެއް ލިބޭނެއެވެ. އެހެންނަމަވެސް ފަހުގެ ހޯދުންތަކުން މިހާރު ބޮޑަށް ބުރަވަނީ ވެކްސިންގެ ތިން ޑޯޒް ހަމަކޮށްގެން މެނުވީ ކޮވިޑުން ފުރިހަމައަށް ރައްކާތެރި ނުވެވޭނެ ކަމަށެވެ. އެހެންވެ ތުރުކީވިލާތުން މިހާރު ވަނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިންގެ ތިން ވަނަ ޑޯޒު ޖަހައިދެމުންނެވެ. އެހެންކަމުން ހަމައެކަނި ވެކްސިންގެ ވާހަކަ ދައްކައިގެން ކޮވިޑަށް ހައްލެއް ނެތްކަމަށް އެބައެނގެއެވެ.
ދުނިޔޭގެ ނަން ހިނގާ އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި ކޮވިޑް މިހާރު ބަލަންވީ އިންފުލުއެންޒާ ފަދަ ރޯގާއެއްގެ ގޮތުގައި ކަމަށާއި، ކޮވިޑް-19 ދެން ދުނިޔެއިން ފިލައި ނުދާނެ ކަމަށެވެ. އެހެންކަމުން މިހާރު އިގްތިސާދުތަކަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި އެ އިގްތިސާދުތަކުގައި ހަރަކާތްތެރިވާ މީހުންނަށް ޖެހިފައިވާ ދަތިހާލުން އަރައިގަނެވޭނީ، ވިސްނުމުން ކޮވިޑާމެދު ދެކޭ ގޮތް ބަދަލުކޮށް، ދަތުރުފަތުރުން ގައުމުތަކާއި މީހުން ގުޅުވާލަދީގެންނެވެ.
ދުބާއީގައި މާކުރިން މިފިޔަވަޅު އަޅައިފިއެވެ. ޕީސީއާރް ޓެސްޓްގެ ނެގެޓިވް ނަތީޖާ ހިފައިގެން އެގައުމަށް ދިއުމަށް ހުރަހެއްނެތެވެ. އަދި ޓެސްޓް ނުހަދާ ގޮއްސިނަމަ އެއާޕޯޓުން ވަގުތުން ޓެސްޓް ހެދޭނެ އިންތިޒާމުވެސް ހުރީ ހަމަޖައްސާފައެވެ. ދުބާއީން ވަނީ ވެކްސިން ޖެހުމުގެ އިންތިޒާމު ފުޅާކޮށް، ބާޒާރުތަކާއި ފިހާރަތަކާއި އޮފީސްތައް ހުޅުވާފައެވެ. ގައުމީ އެއާލައިން ދުނިޔޭގެ އެކި ގައުމުތަކަށް އެދަނީ އުދުހެމުންނެވެ. އެހެންކަމުން ވިޔަފާރިއާއި ބޭސްފަރުވާގެ ކަންކަމުގައިވެސް ދުނިޔޭގެ ގިނަ ގައުމުގެ ފޯރާ މީހުން މިހާރު ދަނީ ދުބާއީއަށެވެ. ކުރިން ސިންގަޕޫރާއި ތައިލެންޑާއި ޔޫރަޕުން ބޭސްފަރުވާ ކުރި މީހުންނެވެ.
ދުބާއީގެ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ އަހަރު ވެގެން ދިޔައިރުވެސް ކޮވިޑް-19ގެ އަސްލު ނުހޯދުނު ކަމަށާއި ކަށަވަރު ބޭހެއް، ވެކްސިނެއް ވެސް ނުލިބުމުން، ދެވަނަ ވިސްނުމަކަށް ނުގޮސް، ގައުމުތަކަށް ޖެހިފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައި ނުގަނެވޭނެކަން ދުބާއީން ވަނީ ދުނިޔެއަށް ނަމޫނާ ދައްކާފައެވެ.
މިހާރުގެ ހާލަތަށް ބަލާއިރު ކޮވިޑަށް އޮތް އެންމެ ބޮޑު ހައްލަކީ ކޮވިޑާއެކު އުޅެން ދަސްކުރުމެވެ. އެނޫން ގޮތަކުން ދުނިޔެ ހުޅުވާލެވޭކަށް ނެތެވެ. ގައުމުތަކަށް ކުރިއެރުން ލިބޭކަށްވެސް ނެތެވެ.