Ad
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒް ޙުސައިން ޝަމީމް-: ފޮޓޯ: ޝަރުހާން
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒް ޙުސައިން ޝަމީމް-: ފޮޓޯ: ޝަރުހާން

ޝަރީއަތް ނިމެންދެން ބަންދު: ވާނުވާ ބަލަނީ ކާކު؟

ދައުވާ ނުއުފުލާވެސް ބައެއް މީހުންނަށް ވާނުވާ ޖަހާ!

ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ނުވަތަ ދައުވާ ނުއުފުލަނީސް ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ޖަލުގެ ބަހުރުވައިން ނަމަ ވާނުވާ ޖެހުމަކީ ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި ހަރުލާފައިވާ ބޯދާ އާދައެކެވެ. މިއީ އެނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ މިކަމުގެ ސަބަބުން ބަންދުވާ މީހާގެ އެތައް ހައްގުތަކެއް، މުއްދަތެއް ނެތް ގޮތަށް ކަފުން ވެގެންދާތީއެވެ. ދައުވާ ނުއުފުލާ ވާނުވާ ޖަހާ ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފަހުން ދޫކޮށްލާފައިވެސް އެބަހުއްޓެވެ. މިއީ ކަނޑައެޅިގެން ދޫކޮށްލަން ޖެހޭ އާދައެކެވެ.

ދާދި ފަހުން އާންމުވި ތަފާސް ހިސާބުތަކަށް ބަލާއިރު ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ 300 އަންވުރެ ގިނަ މީހުން އެބަތިއްބެވެ. ބައެއް މީހުންގެ ޝަރީއަތް މިހާރުވެސް ވަނީ ހަ އަހަރަށްވުރެ ދިގުލައި ގޮސްފައެވެ. މިއީ އަވަހަށް ތަހުގީގު ނިންމުމާއި އަވަހަށް ދައުވާ އުފުލުމާއި އެކަށީގެންވާ މުއްދަތެއްގައި ޝަރީއަތްކޮށް ނިންމުމަށް ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގައި ކަނޑައަޅައި ބަޔާންވެފައިވާ މުހިއްމު ހައްގަކުން ބަޔަކު ދިގު މުއްދަތަކަށް މަހްރޫމްކުރުވާ، ދިމިގްރާތީ އުސޫލުތަކާ ބީރައްޓެހި ކަމެކެވެ. އާދައެކެވެ.

ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހައްގުތައް ކަށަވަރުކޮށްދިނުން ބަޔާންކުރާ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މިހެންނެވެ؛ "މިބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނެ ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ގާނޫނު އަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ގާނޫނު އަސާސީއާ ތައާރުޒުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދިމިގްރާތީ މުޖުތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށެވެ."

ގާނޫނު އަސާސީގެ 18 ވަނަ ވަނަ މާއްދާގައި ދައުލަތުގެ ވާޖިބުގައި ބުނެފައި ވަނީ މިހެންނެވެ؛ "މި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމާއި މިބާބުގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ."

އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅާފައިވާ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ފ)ގައި ވާ ގޮތުގައި ޤާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި ގާނޫނާއި އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސިކިއުޓަ ޖެނެރަލަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއެކެވެ.

އަދި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާމިންވަރު ތަހުގީގުކޮށް އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަކީ ގާނޫނު އަސާސީން ހިއުމަން ރައިޓްސް ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

އަވަހަށް ޝަރީއަތްކޮށް ނިންމުމަކީ ދައުވާ ލިބޭ ފަރާތުގެ މުހިއްމު ހައްގެއްކަމުން، ވަކި މުއްދަތެއް ނެތް ގޮތަށް ނުވަތަ ޝަރީއަތް ނިންމާނެ ވަކި ތާވަލެއް ނުވަތަ މުއްދަތެއް ކަނޑައެޅުމެއް ނެތި މީހަކު ބަންދުކުރުމަކީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުން މަނާކުރާ ކަމެކެވެ. ދިމިގްރާތީ މުޖުތަމައުތަކުގަ އާއި އދ.ގެ މަދަނީ ހައްގުތަކާ ބެހޭ މުއާހަދާއާއި އިންސާގުތައް ރައްކާތެރިކުރުމަށް ބާރުއަޅާ މުޢާހަދާތައް ވެސް މި އަމަލާ ބީރައްޓެއްސެވެ.

ކުށުގެ ތުހުމަތުވެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އެދެނީ، ފަރުދުންކަން ތަފާތުކުރުމެއް ނެތި ގާނޫނު އަސާސީން ކަށަވަރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުންނެވެ. އެ އަމުރު ކޯޓުން ލިބުމުން، ޝަރީއަތް އަވަސްކުރުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާތީއެއް ނުފެނެއެވެ.

ގާނޫނު އަސާސީގައިވާ ގޮތުން އަދުލް އިންސާފު ގާއިމްކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓެވެ. އެކޯޓުގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. އެހެންކަމުން އުއްތަމަފަނޑިޔާރު މިކަމާ އިސްނަގަން އެބަޖެހެއެވެ. ޝަރީއަތް ނިމެންދެން މީހަކު ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފިނަމަ އެމީހެއްގެ ޝަރީއަތް ވަކިމުއްދަތެއްގެ ތެރޭގައި ނިންމުމަށް އެމަނިކުފާނަށް އެންގެވިދާނެއެވެ. އަދި އެފަދަ އަމުރުތައް މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފުކުރުމުން އެފަދަ އަމުރުތަކާމެދު ލަސްނުކޮށް ގޮތްކަނޑައަޅަންވާނެ މުއްދަތުތަކެއް ވެސް ހަމަޖެއްސެވިދާނެއެވެ.

ފަރުދުންގެ މި އަސާސީ ހައްގު ކަށަވަރުކޮށްދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ. މިއީ ފަރުވާ ކުޑަކޮށް، އަތްދަށުން ދޫކޮށްލަން ވާވަރަށްވުރެ މާ ސީރިއަސް މައްސަލައެކެވެ. ފަރުދުންގެ އަސާސީ އެތައް ހައްގެއް ވަކި މުއްދަތެއް ނެތް ގޮތަށް ކަފުންވެގެންދާ ކަމެކެވެ. ދައުލަތުން އެދިގެން ކޯޓުތަކުން ވާނުވާ ޖަހަނީއެވެ. އެއަށް ފަހު ވާނުނާ އެނގެނީ ކާކަށް ހެއްޔެވެ؟ ވާނުވާ ބަލަނީ ކާކުހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ހައްޤުތަކަށް ވަކާލާތުކުރާ ފޮަރާތްތަކަށް ނުފެންނަ ޙައްގެއް މީ. ނިކަމެތި ފަގީރެެެެއް ވިއްޔާ ޖެހޭނީ މި ހާލު. މުއްސަދި ބޮޑުން ކުށެއް ސާބިތުވިޔަސް ދެ ދުވަސްނުވަނީސް ސަރިޔަތްނމ ސަލާމަތްވާނެ. ފަކީރުކަލޯގެ ސަރީޔަތްކުރިޔަށް ނުގޮޮޮޮސް އެތަކެއް އަހަރަކު ޖަލުގެ ވޭނުގަ.
    އިންސާނީ ހއްގޭ ޑިމޮކރސ އޭ ގޮވަން ލަދުނުގަނޭތަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *