Ad

އެންމެ ފަހުން ހަރުކަށި ފިކުރުގެ ތުހުމަތުގެ އިނގިލި އަމިއްލަ ޕާޓީގެ މެންބަރުންނަށް

އެމްޑީޕީގެ ބައެއް މެންބަރުންނާމެދު ރައީސް ނަޝީދުގެ ހިތް ނުތަނަވަސްވީ ނަފްރަތުގެ ބިލާ ދެކޮޅަށް ވާހަކަ ދެއްކުމުން

ފުރަތަމަ ވާހަކަތައް ފެށިގެން ދިޔައީ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ވިދާޅުވި ހިސާބުންނެވެ. ދެން ވިދާޅުވީ ހަރުކަށީ ފިކުރުގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާ ވާހަކައެވެ. އެއަށް ފަހު ވިދާޅުވީ އަނދިރި ދައުލަތެއް އޮތް ވާހަކައެވެ. އަދި ސަލާމަތީ ބާރުތަކުގައިވެސް ހަރުކަށި ފިކުރު މޫލާފައި އޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. މިއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ދެއްކެވި ވާހަކަތަކެވެ. މިއިން އެއްވެސް ފަހަރު އަމިއްލަ ޕާޓީ، އެމްޑީޕީ،ގައި ހަރުކަށި ފިކުރު އޮތް ވާހަކައެއް ވިދާޅެއް ނުވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވުމުން، ރައީސް ނަޝީދު ވަނީ އެޕާޓީގައި ވެސް ހަރުކަށި ފިކުރު އޮތް ކަމަށް ފުރަތަމަ ފަހަރަށް ވިދާޅުވެފައެވެ. އަދި ހަމައެއާއެކު، ރައީސް މުޙައްމަދު ސޯލިހުއާއެކު ސިޔާސީ ކަންކަން ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވުމަށް ފަހު، ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނީ ދީނީ ކަންކަމުގައި މެދުމިނަށް ތާޢީދުކުރައްވާނަމަ ކަމަށް އިޝާރާތްކުރެއްވުމުން، ރައީސް ސޯލިހު ހަރުކަށި ފިކުރަށް ތާއީދުކުރާ ކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވަނީ ކަމަށް މާނަކުރެވެއެވެ.

މިއީ ތާރީޚީ ވާހަކަތަކެކެވެ. ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް އެއްބަސްވެވަޑައިގެންނެވި އެންމެ ޕާޓީގެ ރައީސަކީ ހަމައެކަނި ރައީސް މުހައްމަދު ނަޝީދެވެ. މީގެ ކުރިން އެމްޑީޕީން ބުނަމުން ގެންދިޔައީ އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާ އަކީ ހަރުކަށި ފިކުރަށް ތާޢީދުކުރާ ބައެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިފަހަރު ޕާޓީގެ ރައީސް ނަޝީދުގެ ތުހުމަތުގެ އިނގިލި ޕާޓީގެ މެންބަރުންނަށް އަމާޒުވުމުން، އާންމު މެންބަރުން ތިބީ އެކަން ތަރުޖަމާކުރާނެ ގޮތެއް ނޭނގިފައެވެ.

ވެރިކަންކުރާ ޕާޓީގެ ރައީސް، ޕާޓީގެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ސިޔާސީ މަސައްކަތްކުރައްވާނެ ކަމަށް އިޢުލާން ކުރެއްވުމަކީ ވެސް ރައީސް ޔާމީނާއި ރައީސް މައުމޫނުގެ ކޯޅުންތަކަށް ފަހު، މިހާ ފާޅުގައި ރޫލިން ޕާޓީގެ ދެ ބާރު ހިފައިގެން ފަހަރެވެ.

މިއީ ކުއްލިއަކަށް ދިމާވެގެން އުޅޭ ކަމެއް ނޫނެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ކްރެޑިބިލިޓީ ދުއްވާލުމަށް ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ފާޅުގައި ކުރައްވާފައިވާ ކަންކަމުން، މިއަދު ތިލަވެފައިވާ ސިޔާސީ ދެބަސްވުމުގެ އަސްލު ސާފުވެއެވެ. ބައެއް މިސާލުތައް ނަގަމާ ހެއްޔެވެ؟ ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ ކަންކަން ތަހުގީގުކުރުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސް އަދި މިހާރު ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާހު ހުސްނު ސުއޫދު، ފުރިހަމަ ނުވާ ސިއްރު ރިޕޯޓެއް މަޖިލިސް ރައީސަށް އެރުވުމުން، އެ ރިޕޯޓް ސިޔާސީ ޕާޓީތަކުގެ ވެރިންނަށް މަޖިލީހުގެ ރައީސްގެ އެންގެވުމަށް މަޖިލިސް އިދާރާއިން ބެއްސެވިއެވެ. ނަތީޖާއެއްގެ ގޮތުން، އެރޭގެ އިރު އޮއްސުމުގެ ކުރިން އެ ސިއްރު ރިޕޯޓު އާންމުވެއްޖެއެވެ. އެހިސާބުން ހެކިވެރިންގެ މަޢުލޫމާތާއި ތަހުގީގު ދާ މިސްރާބާއި ތަހުގީގު އޮތް ހިސާބާއި ހޯދިފައިވާ ހެކިތަކުގެ މަޢުލޫމާތުވެސް އާންމުވެ ތަހުގީގަށް ހުރަސް އެޅިގެން ދިޔައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އޮތީ އެމްއެމްޕީއާރްސީގެ ރިޕޯޓެވެ. ބޮޑު ހިޔާނާތުގެ ތުހުމަތުވާ މީހުންގެ މަޢުލޫމާތު ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން، މަޖިލީހުގެ އިދާރާގެ އެންގެވުމަކަށް، ފޮނުވީ އެކްސެލްޝީޓަކަށް އަޅާލާފައި އޮތް، ތަހުގީގު ފުރިހަމަ ނުވާ އަދި ބައެއް މީހުންނާ ސުވާލުވެސް ކޮށްލާފައި ނުވާ ލިސްޓެކެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން އެ ލިސްޓް ހަމަ މަޖިލީހަށް ލިބުމާއެކު އެ ލިސްޓް އާންމުކޮށްލެއްވިއެވެ. އެހިސާބުން އެމްއެމްޕީއާރްސީގެ މުޅި ތަހުގީގާމެދު އާންމުންގެ ހިތުގައި ޝައްކު އުފެދުނެވެ. އަދި ވަކިން ޚާއްސަކޮށް އެ ލިސްޓުގައި ވަކި ބަޔެއްގެ ނަން ނުހިމަނާ އޮތްކަމުގެ ތުހުމަތުވެސް ކުރެވެން ފެށިއެވެ. މިއީ ގަސްދުގައި މަޖިލީހުގެ ރިޔާސަތުން ހިންގެވި ޢަމަލުތަކެވެ. މިއިން ކޮންމެ ފަހަރަކުވެސް އާންމުން ކެކިއަރައި، ސަރުކާރަށާއި ރައީސް ސޯލިހުއަށް ފާޑުކިއުންތައް އަމާޒުކުރިއެވެ.

މިއީ ރައީސް ނަޝީދު ނުފެންނަ ނިޔަތުގެ ނުވަލުގައި ރައީސް ސޯލިހާ ދެކޮޅަށް ހިންގަވާ ކެމްޕޭނުގެ ވަރަށް ކުޑަ މިންވަރެކެވެ. ދަރިންގެ ދޮންބެ، ދަރިންގެ ބައްޕައަށް މިވީ ސިޔާސީ ކަންކަމުގައި "ދުޝްމަނަ"ކަށެވެ. އަމިއްލަ ޕާޓީގެ މެންބަރުން ދީނީ ގޮތުން ހައްދު ފަހަނައަޅާ ވާހަކަ ވެސް އެންމެ ފަހުން އެ ވިދާޅުވީއެވެ. ކޮންމެ ފަދަ ސިޔާސީ ރޭވުމެއް ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ދެން ބުނޭ މަބުނިއެއްޗެއް ނޫސްވެރިން އޮޅުވާލީއޭ ބުނިއެއްޗެއް އޮޅުންއެރި މީހުން މާފުކުރާށޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *