Ad

މަސްއޫދަށް ދަގަނޑުބުރިއަކު ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި.

މޯލްޑިވެސް މީޑިޔާކައުންސިލްގެ ކުރީގެ މެންބަރު އަދި ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ރޭ ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލައި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލާގައި އުމުރުން 37 އަހަރުގެ ފިރިހެނެއް ފޮނަދޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އިރުވަރު އޮންލައިންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ ދިލްކުސާގޭ، އަހުމަދު ސަމީމް އެވެ.

އިރުވަރުއޮން ލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު މަހު ރޯކޮށްލި މަސްއޫދު ކާރުގެ މައްސަލާގައި ވެސް ފުލުހުން ތަހްގީގް ގިންގަމުންދަނީ ވެސް އަހުމަދު ސަމީމްގެ މައްޗަށެވެ. އެމައްސަލާގައި އަހުމަދު ސަމީމް ހައްޔަރުކޮށްފައި ނުވި ނަމަވެސް އޭނާ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މަސްއޫދު ވިދާޅުވީ މިދިޔަ 9 ވަރަކަށް މަސްދުވަހުގެ ތެރޭގައި އޭނާ އާއި އޭނާގެ އަނބިކަބަލުންނަށް ތަފާތު އިންޒާރުދީގެން އެކި ފަހަރުމަތިން ފުލުހުންނަށް މައްސަލަ ހުށަހެޅުއްވި ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ ފަރާތުން އެއްވެސް ރައްކާތެރިކަމެއް ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑުގެ މުދަލަށް ގެއްލުންދީ އެތައް ދުވަހަކު ބިރު ދެއްކުމަށް ފަހު ރޭ ސީދާ އަޅުގަނޑު ޖާނަށް އެ ހަމަލާދިނީ. އެތައް ފަހަރަކު ފުލުހަށް ރިޕޯޓްކޮށްފައި ވާނެ. އެކަމަކު ފުލުހުންގެ ފަރާތުން އެއްވެސް ކަމެއް ނުކުރެވޭ. ކާރު ރޯކޮށްލައިގެން ވެސް ނުވަ މަސްދުވަސްވީ. ހަމަ އެއްކަމެއް ވެސް ނުވި. " މަސްއޫދު ވިދާޅުވި އެވެ.

ރޭގެ ހަމަލާއަށް ފަހު މަސްއޫދަށް ވަނީ ލ. ފޮނަދޫ ސިއްހީމަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފަ އެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *