ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި “ފްރީޑަމް” ނުވަތަ ހައްދެއް، އިމެއް ނެތް މިނިވަން ކަމަށް ގޮވާ ގޮވުންތައް ގިނަ ވަމުން، އަޑު ގަދަވަމުން އަންނަހެން އޭގެ ރާޅުބާނިތައް މި ކުޑަ ދިވެހި ރާއްޖެއާ ހަމައަށް ވެސް އަންނަމުން ދެއެވެ. އިންސާނުންގެ މައްޗަށް އެއްވެސް ހިފެހެއްޓުމެއް، ޤާނޫނެއް، ޤަވާާޢިދެއް އޮވެގެންް ނުވާނެ ކަމަށް ދެކޭ މީހުން ދަނީ ގިނަ ވަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއްވެސް ދީނަކީ އޮންނަން ޖެހޭ އެއްޗެއް ނޫނެވެ. އެމީހަކަށް ފެނުނު ރަނގަޅު ގޮތަކަށް އެހެން މީހުންނާ ނުބެހި އުޅުނީމައި ނިމުނީ އެވެ.
އިންސާނީ ތަބީއަތުގައި ކޮންމެވެސް ވަރަކަށް ރަނގަޅާއި ނުބައި ދެނެގަނެ ވޭނޭ ސަމުގާއެއް ޤުދްރަތީ ގޮތުން އެކުލެވިފައި ވެއެވެ. އެއަށް މި ކިޔަނީ “މޯރަލް ކޮމްޕަސް” އެވެ. އެކި މީހުންގެ މި އިޙްސާސް ހުންނަނީ އެކި ވަރަށް ކަމުން ބައެއް މީހުންނަށް ރަނގަޅު ނޫން ކަންކަން އަނެއް ބައި މީހުންނަށް މާބޮޑު ކަމަކަށް ނުވެއެވެ. އެހެން ކަމުން ހުރިހާ އިންސާނުންނަށް އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް އަންގައި ދީ، އިންސާނުންނަށް ރަނގަޅު މަގު ދައްކައިދީ، ކަންކަމުގައި ޢަމަލު ކުރަންވީ ގޮތް އަންގައި ދޭނެ ފޮތަކާއި ގޮތެއް ވަނީ އަހަރުމެން ހެއްދެވި ފަރާތުން އަހަރުމެންނަށް ދެއްވާފަ އެވެ. އިންސާނުންގެ ތަބީއަތް އެންމެ ބޮޑަށް ދެނެވޮޑިގެންވާނީ އެއިންސާނުން ހެއްދެވި ފަރާތް ނޫން ވަކި ކާކަށް ހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ކޮށްލުން ވަރަށް ރަނގަޅު ސުވާލެކެވެ.
މިފަހަކަށް އައިސް އެލް.ޖީ.ބީ.ޓީ.ކިޔޫ އަށާއި އޭގައި ހިމެނޭ “ޓޮރާންސްޖެންޑަރ” ގެ ދިފާއުގައި ވަކާލާތު ކުރާ މީހުން ދެނެ ތިބި ހެއްޔެވެ! الله ސ.ވ. ކޮންމެ ފަރުދެއް ދުނިޔެއަށް ފޮނުއްވާފައި ވަނީ އެ ފަރުދެއްގެ އެންމެ ރީތި ސިފައިގައެވެ. އަންހެނުން އަންހެނުންގެ ސިފައިގައި އަދި ފިރިހެނުން ފިރިހެނުން ގެ ސިފައިގައި ފޮނުއްވަނީ الله ސ.ވ. އަށް “ޢޮޅިގެން” ނެއް ނޫނެވެ. ދެން އަމިއްލައަށް ޖިންސް ބަދަލުކުރުމަކީ ދުނިޔޭގައި ފެތުރެމުން އަންނަ ނުބައި، ޤުދްރަތާއި ޚިލާފު ކަންކަމަށާއި ޝައިތޯނާ އަށް ބޯލެންބެވުމުން ކުރަން މަޖުބޫރުވާ ކަންތައްތަކެވެ.
ގޯސް ކަމެއް ކުރާ މީހަކު ފެނުމުން އެމީހަކަށް ނަސޭހަތްދީ، އެކަމެއް ހުއްޓުވުމަށް ބާރުއަޅާ އަނބުރާ ތެދު މަގަށް ގެނައުމަށް މަސައްކަތް ކުރުން އެއީ ނެތް ކަމެއް ނަމަ އިންސާނުން ދުނިޔެއަށް އަންނާނީ މައިން ބަފައިންގެ ހިޔާވަހިކަމުގެ ދަށަށް، އެމީހުންގެ ބެލެނިވެރި ކަމުގެ ދަށަކަށް ނޫނެވެ. ކޮންމެ ކުއްޖަކީވެސް މައިން ބަފައިންނާ ހަވާލުކުރެވޭ މާތްالله ގެ އަމާނާތެކެވެ. އެ ކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއްދީ، ދެ ދުނިޔޭގައި ވެސް ފައިދާ ކުރާނޭ ތަޢުލީމެއް ދިނުމަކީ ބެލެނިވެރިންގެ ވާޖިބެކެވެ.
ކުރީ ޒަމާނާ އަޅާ ބަލާއިރު އެ ރަނގަޅު ތަރުބިއްޔަތު ކުއްޖަކަށް ދިނުން މި ޒަމާނުގައި އުނދަގުލެވެ. އެއީ ޒަމާނަށް އައި “ތަރައްޤީ” އާއި ޓެކްނޮލޮޖީގެ ސަބަބުން ކުދިން ވަރަށް ޅަ އުމުރުގައި ބައިވަރު ނޭދެވޭ، އެކުދިންގެ އުމުރާ ނުގުޅޭ ކަންކަން ފެނި، އިވެމުން ދާތީ އެވެ. ކޮންމެ ބަޔަކު ކުރިޔަސް ގޯސްކަންކަން ވާނީ ގޯސް ކަންކަން ކަމަށާއި އަދި އެކަކު ނުކުރިޔަސް ރަނގަޅު ކަންކަން ވާނީ ހަމަ ރަންގަޅު ކަންކަން ކަމަށް އެކުދިންނަށް ވިސްނައި ދިނުން ވަރަށް މުހިންމެވެ.
ގިނަ ބަޔަކަށް އިސްލާމް ދީން ކަމުނުދަނީ އަހަރުމެންގެ މި މާތް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމަކީ އީމާން ތެރިކަން ބަލިކަށި މީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވާތީއެވެ. ދެން އެބައި މީހުން “ތަހުޒީބޭ”، ސެކިއުލަރިޒަމް“ އޭ “ނެޝެނަލިޒަމް”އޭ “ހިއުމަން ރައިޓްސް” އޭ ކިޔައިގެން އަނެކުން މަގު ފުރައްދާ އަދި ޙާއްސަކޮށް އަހަރުމެންގެ ކުދިންގެ ހެދި ބޮޑުވަމުން އަންނަ ޅަ ސިކުންޑިތައް ހައްލުވަން މަސައްކަތް ކުރެއެވެ.
ބެލެނިވެރިންގެ ޒިންމާއަކަށް ވާނީ މިކަހަލަ ނުބައި ޢަމަލުތައް ހިންގާ މީހުންގެ ވާހަކައިން ދަރިން ރައްކާތެރިކޮށްދީ އެކަންކަމަށް އެކުދިން ހޭލުންތެރިކުރުވައި، އެއީ ވެސް އުޅޭ ބައެއްކަން އަންގައި އެމީހުންގެ ވާހަކައިގެ ދެކޮޅު ނުޖެހޭކަން ކުދިންނަށް ވިސްނައިދީ الله ސ.ވ. އާއި ކީރިތި ރަސޫލާ ޞ.ޢ.ވ.ގެ ސާފު ތާހިރު ދީނުގައި ދަރިން ތަރުބިއްޔަތު ކުރުމަށް ކުރިޔަށް ވުރެ ބޮޑަށް ގަދައަޅާ މަސައްކަތް ކުރުމެވެ.
އޭރުން އިން ޝާ الله ދެން ކުރިޔަށް އޮތް ޖީލުތަކަށް އިސްލާމީ އަދަބުތަކާއި އަޤީދާތައް ދަމަހައްޓައި ހެޔޮލަފާ، ދީނާއި ޤައެމު ދެކެލޯބިވާ ޒުވާނުން ޖީލެއް ލިބިގެން ދާނެއެވެ.
One Response
Great article