Ad

އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ކުޑަކުދިން ތަކަކަށް ޖިންސީގޯނާ ކުރި މީހަކު 30 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ކުޑަކުދިން ތަކަކަށް ޖިންސީގޯނާ ކުރި މީހަކު 30 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ވ. ގާތިފް، ޙަސަން ޢަތޫފްގެ މައްޗަށެވެ. އޭނާއަށް ހުކުމްކުރީ، 2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިންގި މައްސަލައިގައި އިއުތުރާފްވެ ޕީޖީއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ފަހުގައެވެ. މި މައްސަލަގައި ޙަސަން ޢަތޫފްގެ މައްޗަށް 28 ޖޫން 2021 ދުވަހު ފަސް ދަޢުވާއެއްކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާއެޅިއެވެ.

އެ ދަޢުވާތަކަކީ:

  1. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
  2. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
  3. ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން
  4. މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
  5. ގްރޫމްކުރުން

މި މައްސަލައިގައި ދަޢުވާލިބޭ މީހާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވެއެވެ. ދަޢުވާލިބޭ މީހާއާއެކު ޝަރީޢަތުގައި ދައުލަތުން އެއްބަސްވެފައިވާނީ، މިމައްސަލާގައި ކޮށްފައިވާ 05 (ފަހެއް) ދަޢުވާގެ ތެރެއިން 02 (ދޭއް) ދަޢުވާއަކަށް އިޢުތިރާފުވެ، ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ދަމަހައްޓައިފިނަމަ، މި ފަސް ދަޢުވާގެ ތެރެއިން 03 (ތިނެއް) ދަޢުވާ އަނބުރާ ގެނައުމަށެވެ.

އެއްބަސްވުމުގެ ދަށުން އިތުރަށް ކުރިއަށްނުގެންދިއުމަށް ނިންމި ދަޢުވާތައް:

  1. ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން
  2. މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން
  3. ގްރޫމްކުރުން

ކުރިއަށްގެންދިއުމަށް ނިންމި ދަޢުވާތައް:

  1. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން
  2. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން

ޢިއުތިރާފުގެ އެއްބަސްވުމުގެ ކުރިން ކަނޑައެޅެން އޮތް އަދަބު:

5 ދަޢުވާއަށް އެކު ޖުމްލަ ޖުމްލަ 76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުން

އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު އަދަބު:

2 ދަޢުވާއަށް އެކު ޖުމްލަ 30 އަހަރުގެ މުއްދަތަށް ޖަލުގައި ބަންދުކުރުން.

މި އެއްބަސްވުމާއެއްގޮތަށް މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ މީހާ ކުށަށް އިޢުތިރާފުވެފައިވެއެވެ. އަދި ދައުލަތާ ދަޢުވާލިބޭ މީހާއެކު ވެވުނު އެއްބަސްވުމާ އެގޮތަށް، 13 ޑިސެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓުގެ ޤާޟީ ދީބާނާޒް ފަހުމީވަނީ ވ. ގާތިފް، ޙަސަން ޢަތޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޙަސަން ޢަތޫފް 30 (ތިރީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ޙުކުމްކުރައްވާފައެވެ.

މިމައްސަލައިގެ ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ގިނަ ޢަދަދެއްގެ ހެކި ޤަރީނާ ތަޙުޤީޤަށް ހޯދާފައިވާކަމަށާއި މިމައްސަލައިގައި ދަޢުވާވެސް ކޮށްފައިވަނީ ދަޢުވާތައް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކާއެކުގައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމަކަށް އައުމުގެ ކުރިން މި އެއްބަސްވުމުގެ ސަބަބުން ދަޢުވާލިބޭ މީހާއަށް ހުރި ފައިދާތަކާއި ގެއްލުންތައް ތަފްސީލުކޮށް ސާފުކޮށްދީ ބަޔާންކޮށްދީފައިވާނެ ކަމަށް ޕީޖީން ބުނެއެވެ.

ޖިނާއީ އެކި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާ ޕްރޮސިކިއުޓަރ ޖެނެރަލްއާމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވުމުގެ ފުރުޞަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުޅުވިފައިވާ ދޮރެކެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނާއި ދައުލަތާ ދެމެދު އެއްބަސްވުމަކަށް އައުމުގެ ނަތީޖާއަކީ މައްސަލަތައް އަވަސްވެ، ޖިނާއީ ޢަދުލުގެ ނިޒާމަށް އޮންނަ ބުރަ ބޮޑުތަނުން ކުޑަވެގެންދިއުމެވެ. އަދި މިކަމުގެ ސަބަބުން ދަޢުވާލިބޭ މީހާއަށްވެސް ބޮޑެތި ލުއިތަކެއް ލިބުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން މިމައްސަލަ ޢާންމު އުޞޫލުން ކުރިއަށްގެންގޮސްގެން ދަޢުވާތަށް ސާބިތުކޮށްދެވުންނަމަ 76 އަހަރުގެ ޙުކުމެއް އައީހެވެ. ނަމަވެސް އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދަބު ވަނީ 30 އަހަރަށް ކުޑަކުރެވިފައެވެ. މި ނިޒާމަކީ ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި ވަރަށް ފުރިހަމައަށް ތަންފީޛްކުރަމުންދާ ނިޒާމެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ދައުލަތުގެ މަޞްލަޙަތުގައި އޮތީ އަނިޔާ ލިބުނު ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މިމައްސަލައިގެ ޝަރީޢަތެއް ހިނގާނަމަ، އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނަގައި، އެކުދިން އަލުން މިކަމުގެ ތެރޭގައި ޝާމިލުވާންޖެހޭގޮތް މެދުވެރިވާނެއެވެ. ރީވިކްޓިމައިޒްވުމުގެ ފުރުޞަތު އޮންނާނެއެވެ. އެހެން ނަމަވެސް ކުށަށް އިޢުތިރާފުވާ މައްސަލަތަކުގައި މި އުސޫލުގެ ދަށުން ޝަރީޢަތުގައި އިޢުތިރާފުވާނަމަ، ލުއި ދީގެން އަވަހަށް ޝަރީޢަތް ނިމުމުން މިދެންނެވި ކަންކަމުން ސަލާމަތްވެފައިވެއެވެ.

ޕީޖީ އޮފީހުގެ އަމާޒަކީ ޕްލީ ބާރގެއިންގެ ތެރެއިން ވީހާވެސް ގިނަ މައްސަލަތައް ކުރިއަށްގެންގޮސް އަވަހަށް ނިންމުން ކަމަށާއި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާއި، ކުށްތަކާގުޅިގެން އަނިޔާލިބޭ މީހުން އަދި މުޅި މުޖުތަމަޢުގެ މަޞްލަޙަތުވެސް ބޮޑީ މިފަދަ ނިޒާމަކުން އަވަހަށް މައްސަލަތައް ނިންމުމުގައި އެ އެފީހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *