ޢަދާލަތު ޕާޓީއާއި އަދި މިނޫންވެސް އިންޑިއާގެ މުޝްރިކު ސިފައިން މި އިސްލާމީ ދީބުގައި ތިބުމަށް ފާޅުގައި ގޮވާލައި ވަކާލާތުކުރާ އެއްވެސް ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުމަކީ އިސްލާމްދީނާއި އަޅުގަނޑުމެންގެ މިދީބަށް ވެސް ވެވޭ ޚިޔާނާތެއްކަމަށް ޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނުގެ ދަޢުވަތު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ޒުވާން ޝައިޚް ނިޝާން މިފަދައިން ވިދާޅުވެފައި މިިވަނީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް އެޕާޓީ އިން ތާޢީދުކުރާ ބީދައިން ޢަދާލަތު ޕާޓީ އިން ރޭގެ ވަގުތެއްގައި ނެރެފައިވާ ނޫސްބަޔާނަކާ ގުޅިގެންނެވެ.
ރާއްޖޭގެ ދީނީ ޢިލްމުވެރިން ވެސް ނިޞްބަތްވެވަޑައިގަންނަވާ ޢަދާލަތު ޕާޓީއަށް ދީނީ ނަޒަރަކުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝައިޚް ނިޝާންގެ ފޭސްބުކް އެކައުންޓުން ކުރެއްވި މި ޕޯސްޓު ފައްޓަވާފައި ވަނީ ވެސް، ޢަދާލަތު ޕާޓީއަށް ސޮއިކޮށްގެން ތިބި ޝައިޚުގެ ނަޞީޙަތް އަޑުއަހައި ޤަބޫލުކުރާ ކޮންމެ މުސްލިމް އަޚަކާއި އުޚްތަކުމެ މިހާރުން މިހާރަށް އެޕާޓީ އިން ކެނޑި ވަކިވުމަށް ގޮވާލަށްވަމުންނެވެ.
މިހާރު ޢަދާލަތު ޕާޓީއަކީ އިސްލާމްދީނަށް ނަޞްރުދީ ﷲ ގެ ޝަރީޢަތް މަތިވެރިކޮށް އިސްލާމްދީނުގެ ޢަދާވާތްތެރިންގެ އަޅުވެތިކަމުން މިދީބުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެއްގެ ބަދަލުގައި ޢަލްމާނީ ސެކިއުލަރ ފަރާތްތަކާއި ގުޅި ބައިޢަތު ހިފައިގެން އެމީހުން އެގޮވާލާ ލާދީނީ ފަލްސަފާއަށް ފާޅުގައި ވާގިދޭ ބައެއްކަމުގައިވެފައި ވާކަމަށާއި، އަދި މުޝްރިކުންނަކީ މުސްލިމުންނާއި އެންމެ ޢަދާވާތްތެރި ދެކޮޅުވެރި މީސްތަކުންކަމުގައާއި އެމީހުންނަކީ އައުލިޔާއިން ކަމުގައި (ގާތް އެކުވެރިން، މަދަދުގާރުން ކަމުގައި) ނުހެދުމަށް ކީރިތި ޤުރްއާނުގައި ވަޙީ ބާއްވާލައްވާފައިވަނިކޮށް އިންޑިއާގެ މުޝްރިކު ސިފައިން މި އިސްލާމީ ދީބުގައި ތިބުމަށް ފާޅުގައި ގޮވާލައި ވަކާލާތު ކުރާ ޕާޓީއެއްކަމުގައި ވެސް އެޕާޓީ ވެފައިވާކަމަށް، އެ ގޮވާލެއްވުމުގެ ސަބަބުތައް ތަފްޞީލުކޮށްދެއްވަމުން ޝައިޚް ނިޝާން ވިދާޅުވެފައި ވޭމެއެވެ.