Ad

ކޮވިޑްގެ ބަލިމަޑުކަމުގައި ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން: ރައީސުލްޖުމްހޫރިއްޔާ

ކޮވިޑްގެ ބަލިމަޑުކަމުގައި ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިޤްތިޞާދީ ނަޒަރަކުން ވިސްނާނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ތަޙައްމަލު ކުރަމުން މިދަނީ، ޤުދުރަތީ ބޮޑު ކާރިސާއެއް ނޫނަސް، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އުޅޭތާ މިވަނީ ދެ އަހަރު. ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، އަޅުގަނޑުމެން އުޅެންޖެހުނީ ވަރަށް ދަތި ޙާލެއްގައި. ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، ރާއްޖޭގެ މުޅި އާބާދީއަށް، އެކަމުގެ ގެއްލުންތައް ލިބުނު. މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިޤްތިޞާދީ ނަޒަރަކުން ވިސްނާނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި. ކޯވިޑުގެ ކުރިން އޮތް ޙާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ޙާލަތަކަށް، ޤައުމުގެ އިޤްތިޞާދު ގެންދިޔުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި، އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތު." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ މިހާލަތުގައި އާއިލާއާ ދުރުގައި އެތައް ބަޔަކު ހިލޭސާބަހަށް މަސައްކަތް ކޮށްފައިކަން ފާހަގަކޮށް އެފަރާތްތަކަށް ތައުރީފު ކުރައްވާފައެވެ.

"މި ދަތިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން. ގޭގެޔަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި، އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް އެތައް ހާސް ބަޔަކު މަސައްކަތް ކުރި. އަމިއްލަ ޢާއިލާއާ ދުރުގައި، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި އެތައް ދުވަހެއް ވަންދެން، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެފަދަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްްކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސުނާމީގެ ހަނދާންތައް އާކުރައްްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، ފަނަރަހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެގެންދިޔަ. އަހަރުތަކެއް ވަންދެން އެމީހުން ދިރިއުޅެން ޖެހުނީ އެކި ރަށްރަށުގައި ހެދި ވަގުތީ ހިޔާތަކުގައި. އެއީ ވަރަށްދަތި ދިރިއުޅުމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. އެ ދަތިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ މެދުގައި އޮތީ ވަރަށް ބޮޑު އެއްބައިވަންތަކަމެއް. ސުނާމީ ކާރިސާގައި، އަލުން އާރާސްތު ކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެންދިޔަ. ބައެއް މީހުން ޢުމުރުދުވަހުގެ މަސައްކަތުން ކޮޅަށްޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނު. އެތައް ހާސް ބައެއްގެ އަތްމަތި މުޅިން ހުސްވެގެންދިޔަ. އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރީ، އަޅުގަނޑުމެންގެ ތެރޭގައި މި އޮތް އެކުވެރިކަމާއި އޯގާތެރިކަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *