ފްރާންސްގެ ހުނަރުވެރި ފޯވާޑް ހޫގޯ އެކިޓިކޭ ލިވަޕޫލަށް ސޮއިކޮށްފިއެވެ.
ހޫގޯ އެކިޓިކޭ ލިވަޕޫލަށް ސޮއިކުރީ 79 މިލިއަން ޔޫރޯއަށެވެ. ފްރާންސްގެ ފުރަތަމަ ޑިވިޝަން ރެއިމްސް ޔޫތު އެކަޑަމީން ތަމްރީނުވެ ސީނިއަރ ކެރިއަރ އެކިޓިކޭ ފުރަތަމަ ކުޅެފައިވަނީ ރެއިމްސް އަށެވެ. އެއަށްފަހު، ލިއޮނެލް މެސީ، ނޭމާ އަދި އެމްބާޕޭ އާއެކު ޕީއެސްޖީ އަށް ކުޅުމަށްފަހު، ޖަރުމަން ބުންޑެސް ލީގާގެ ފްރެންކްފަރޓް އަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވެ ފްރެންކްފަރޓްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ މަޤާމު ހޯދިއެވެ.

މިނިމުނު ބުންޑެސް ލީގާގައި އެކިޓިކޭވަނީ 15 ގޯލު ޖަހައިގެން، ބުންޑެސްލީގާގެ ގަދަ 11 ގައި ހިމެނިފައެވެ. އިސްކޮޅުގައި 6 ފޫޓު 3 އިންޗް ހުންނަ ބިޔަ ފޯވަރޑަކީ އިދިކޮޅު ޑިފެންޑަރުންނަށް މާރކްކޮށްލަން އުނދަގޫ ކުޅުންތެރިއެކެވެ. ޚާއްޞަކޮށް ކޮއްޓުމާއި ނެއްޓުމުގެ އިތުރުން ފްރާންސްގެ ލެޖެންޑް އޮލިވަރ ޖިރޫޑް ފަދައިން ބޮލުން ގޯލު ޖެހުމުގެ ހުނަރު އެބަހުއްޓެވެ.
ލިވަރޕޫލަށް ސޮއިކުރުމަށްފަހު، އެކިޓިކޭ ބުނެފަވަނީ ލިވަރޕޫލަކީ އޭނާ އެންމެ ކުޑަ އިރުއްސުރެ ސަޕޯޓުކުރާ ކްލަބުކަމަށާއި، ލިވަރޕޫލްފަދަ ޓީމަކަށް ކުޅެލަން ލިބުމަކީ ހުވަފެނެއް ސީދާވުންކަމަށެވެ.
"ލިވަޕޫލަކީ އިނގިރޭސިވިލާތުގެ އެންމެ މޮޅު ކްލަބު އަދި ދުނިޔޭގެ އެންމެ ވަރުގަދަ އެއްޓީމު. މިޓީމުގައި ރަނގަޅު ޕްލޭނެއް އެބައޮތް. ލިވަރޕޫލަށް ބަދަލުވުމުގައި އެންމެ ބޮޑަށް ބެލީ ކްލަބުގެ ކުރިމަގާއި ޕްލޭނަށް" އެކިޓިކޭ ބުނެފައިވެއެވެ.

އެކިޓިކޭއާއެކު ލިވަރޕޫލުވަނީ މިހާރު އަންނަ ސީޒަނަށް ޓްރެއިނިންގ ފަށައިފައެވެ. ޔަޤީނުންވެސް އެކިޓިކޭއަކީ ފްރާންސްގެ އެމްބާޕޭއަށްފަހު މިވަގުތު ފްރާންސްގައި ހުރި އެންމެ ވިދުންގަދަ ސްޓަރައިކަރެވެ. މިފަހަރު ލިވަރޕޫލާއެކު ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދައްކައިފިނަމަ، ފްރާންސްގެ ސީނިއަރ ސްކޮޑާއެކު ވޯލްޑްކަޕް ކުޅުމުގެ ޖާގައެއް ލިބޭނެކަން ޔަޤީނެވެ.
އަންނަ މަހުފަށާ އާ ސީޒަނަށް ލިވަޕޫލުން އަންނަނީ ވަރަށް ގަދަޔަށް ތައްޔާރުވެ ވަރުގަދަ ކުޅުންތެރިންތަކެއް ހޯދަމުންނެވެ. މި ޓްރާންސްފަރގެ މުއްދަތުގައި ޔޫރަޕުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ލިވަޕޫލުންނެވެ. އެޓީމުން 300 މިލިޔަން ޔޫރޯއަށްވުރެ ބޮޑު ހަރަދެއް މި ޓްރާންސްފަރގައިވެސް ކޮށްފިއެވެ. މިގޮތުން ކުލަބްގެ ރިކޯޑުއަގަކަށް ބަޔާން ލެވަކޫސަނުން ޖަރުމަނުގެ ވިޓްޒްވަނީ ގެނެސްފައެވެ. އަދި އޭނާއާއެކު ލެވަކޫސަނަށް ކުޅުނު ފްރިންގޕޮންގާއި ބޯންމައުތައް ކުޅުނު ހަންގޭރީގެ ކާރކެޒްވެސް ވަނީ ލިވަޕޫލާ ގުޅިފައެވެ. އަދި ރިކޯޑް އަގަކަށް ނިއުކާސަލްގެ އިސާކް ހޯދުމަށްވެސް ލިވަޕޫލުން ދަނީ މަސައްކަތް ކުރަމުންނެވެ.