އެމެރިކާގެ އިރުއުތުރުގެ ސަރަހައްދަށް ބާރުގަދަ ތޫފާނެއް އާރަނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ.
މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުނީ އެމެރިކާގެ އިރުއުތުރު ސަރަހައްދަށް ބާރުގަދަ ތޫފާނެއް ނާރާތާ 70 އަހަރުފަހުން އެ ސަރަހައްދަށް އަރާނެކަމަށް ބެލެވޭ މި ތޫފާނުގެ ސަބަބުން 450 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަންގާރަ ދުވަހު އެކިއު ވެދާގެ މީޓިއޮރޮލޮޖިސްޓުން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ އެމެރިކާގެ އިރު އުތުރު ސަރަހައްދަކީ ބާރުގަދަ ތޫފާނެއް ނާންނަތާ 70 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސަރަހައްދެއް ކަމަށެވެ. އަދި ތޫފާން ތަކާއިބެހޭ ލީޑް އެކްސްޕާޓް އެލެކްސް ޑަސިލްވާ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އާންމުގޮތެއްގައި ތޫފާންތައް އެވްރެޖްކޮށް ކޮންމެ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގައި ނިއު ޖާޒީއަށް އުތުރަށް އަރާނެ ކަމަށެވެ.
އަދި ނޯތު އީސްޓް ސަރަހައްދަށް ކެޓަގަރީ ތިނެއް ނުވަތަ އެއަށް ވުރެ ބާރުގަދަ ތޫފާނެއް ގާތްގަނޑަކަށް ކޮންމެ 60 އަހަރާއި 70 އަހަރާ ދެމެދުގެ މުއްދަތަކުން އަންނާނެ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މިއީ އާދައިގެ ތޫފާނަކަށް ނުވާނެ ކަމަށާއި އެސަރަހައްދަށް އިގްތިސާދީ ގޮތުން ކުރިމަތިވާ އެންމެ ބޮޑު ގުދުރަތީ ކާރިސާތަކުގެ ތެރޭގައި މިތޫފާން ހިމެނިދާނެ ކަމަށެވެ.
އެކިއު ވެދާ އިން ވަނީ 1938 ވަނަ އަހަރުގެ 700 މީހުން މަރުވި ގްރޭޓް ނިއު އިންގްލެންޑް ތޫފާނާ އެއްވަރުގެ ހަލާކުތަކަށް މިތޫފާން ވެދާނެ ކަމަށްވެސް ލަފާކޮށްފައެވެ.




