ޖަރުމަނުވިލާތަކީ 2002 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ވޯލްޑްކަޕާއި ހަމައަށް ބޭއްވި ވޯލްޑްކަޕް މުބާރާތްތަކުގެ ސެމީ ފައިނަލްގައި ވާދަކުރި ޤައުމެވެ. މީގެ ތެރެއިން، 2014 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ޖަރުމަނުވިލާތުން ހޯދީ ފައިނަލްގައި އަރޖެންޓީނާ 1-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. 2002 ވަނަ އަހަރު ޖަރުމަނުވިލާތުން ފައިނަލްގައި ބްރެޒިލާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއިންވަނީ ބަލިވެފައެވެ. މިވަގުތު ދުނިޔޭގެ 10 ވަނާގައި ޖަރުމަނުވިލާތް އޮތްއިރު، މިފަހަރު ޖަރުމަނުވިލާތަކީވެސް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އޮތްކަމަށް ބުނާ މުބާރާތުގެ ފޭވަރިޓެކެވެ.

ސްކޮޑް:
ކޯޗު ޖޫލިއަން ނަގެލްސްމަން އިޢުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ގިނައީ، މުޅިން އަލަށް ވޯލްޑްކަޕްކުޅޭ ކުޅުންތެރިންނެވެ. މިސްކޮޑުގައި 2024 ވަނަ އަހަރު ޖަރުމަނުވިލާތުގެ ސީނިއަރ ޓީމަށް ކުޅެންފެށި ކުޅުންތެރިންވެސް މަދެއްނޫނެވެ. މުޅި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ގޮތުގައި ތިބީ، ކީޕަރ ނޯޔަރ، އެންޓޯނިއޯ ރުޑިގަރ، ޖޮޝުއާ ކިމިޗް އަދި ގޮރެޒްކާފަދަ ތަޖުރިބާކާރު ކުޅުންތެރިންނެވެ. މިއީ ކީޕަރ ނޯޔަރގެ 5 ވަނަ ވޯލްޑްކަޕެވެ. ސްކޮޑު އިޢުލާނުކުރުމާއި ހަމައަށް ނޯޔަރހުރީ ޤައުމީޓީމުން ރިޓަޔަރ ކޮށްގެންނެވެ. އެހެން ނަމަވެސް، ރަނގަޅު ކީޕަރެއް ނެތުމާއެކު، ވޯލްޑްކަޕަށް ޤައުމީޓީމާއެކު ދިއުމަށް އެއްބަސްވީއެވެ. ފަހަތަށްކުޅޭ ކުޅުންތެރިންގެ ތެރެއިން، ޖޮޝުއާ ކިމިޗްއަކީ މުޅި ޑިފެންސްލައިންގެ މައި ތަނބެވެ. ކަނާތްފަޅި ބެކަށް އަދި ޑިފެންސިވް މިޑްފީލްޑަށްވެސް ކުޅޭ ކިމިޗަކީ 2016 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޖަރުމަނުޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ލިވަޕޫލްގެ ފްލޮރިއަން ވިޓްޒްގެ އިތުރުން، ލެރޮއީ ސަނޭ އަދި ޖަމާލް މުސިއާލާއަކީ އަދި އާސެނަލް ހަވެޒްއަކީ މިފަހަރު ޓީމުގެ އެޓޭކިންގ ކުޅުންތެރިންގެ ގޮތުގައި ކޯޗު ޤައުމީޓީމަށް ނެގި ކުޅުންތެރިންނެވެ. މީގެ ތެރެއިން، މުސިއާލާއަށް ލިބުނު ބޮޑު އަނިޔާއަކަށްފަހު، ފުރިހަމަ ފޯމަށް އޭނާއަށް އާދެވިފައިނުވިއަސް، ޤައުމީ ޓީމަށް މުސިއާލާއަށް ފުރުސަތުދިނީ ކޯޗުގެ އިތުބާރު އޮތުމުންނެވެ. ޓީމުގެ 9 ނަންބަރ ކުޅުންތެރިއަކީ ނިކްވޮލްޓްމެޑްއެވެ. ޖަރުމަނުވިލާތުގެ މިފަހަރުގެ ސްކޮޑުގައި ގިނައީ ޖަރުމަނުގެ ބުންޑެސްލީގާގެ ކުޅުންތެރިންނެވެ.

ގްރޫޕް ސްޓޭޖް
ޖަރުމަނުވިލާތުން ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ، މުޅިން އަލަށް ވޯލްޑްކަޕަށް ކޮލިފައިވި ކުރްސާއޯ، އިކުއެޑޯ އަދި އައިވަރީ ކޯސްޓާއެވެ. މިޓީމުތަކުގެ ތެރެއިން، އިކުއެޑޯއާއި ޖަރުމަނުވިލާތުން 2006 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ވޯލްޑްކަޕްގައި ވާދަކޮށް ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އައިވަރީ ކޯސްޓާއެކު، 2009 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކޮށް 2-2 ގެ ނަތީޖާއަކުންވަނީ އެއްވަރުވެފައެވެ. ޖަރުމަނުވިލާތަށް ގްރޫޕް ސްޓޭޖުގައި އެންމެ ޓަފް ޓެސްޓަކީ އައިވަރީ ކޯސްޓް މެޗުކަމުގައި ޤަބޫލުކުރެވެއެވެ. އަދި، އިކުއެޑޯރ އަށްވުރެ ޔޫރަޕް ލީގުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ކުރުސާއޯ އާއި ޖަރުމަނުގެ ގްރޫޕް ސްޓޭޖުގެ މެޗުގެ ވާދަވެރިކަންވެސް ބޮޑުވާނެކަމުގައި ޤަބޫލުކުރެވެއެވެ.