އާޓިކަލް ލިޔުއްވީ: އަލްއުސްތާޒް މުޙައްމަދު ހަލީމް
(އަލްއުސްތާޒް މުޙައްމަދު ހަލީމަކީ ސިވިލްކޯޓުގެ ޤާޒީ ކަން ކުރާއްވާފައިވާ ފަނޑިޔާރެކެވެ.)
ދިވެހިރާއްޖޭގެ ދައުލަތުގެ މާލީ ނިޒާމު ފުނޑާލައި، ރައްޔިތުންގެ މުއްސަނދިކަމުން 79 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު، 1.2 ބިލިއަން ރުފިޔާ އަމިއްލަ ފައިދާއާއި މަސްލަހަތުގައި ވަގަށް ނަގައި ފޭރުނު 'މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން' (MMPRC) ގެ ބޮޑު ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު މާލީ ޖަރީމާއެވެ. އިދާރީ ގޮތުން މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނާއިބު އަދި ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުالله ޒިޔަތު އިސްކޮށް އުޅުއްވި ނަމަވެސް، ތަހުގީގީ ހޯދުންތަކުން ދައްކާ ގޮތުގައި މި މުޅި ނިޒާމުގެ މޭސްތިރިއަކީ އަދި މުގުލަކީ ސީދާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމެވެ. މިއީ ހަމައެކަނި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމެއް ނޫނެވެ. މިއީ ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުންޏެއް ކަމަށްވާ 'އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް' (SOF PVT LTD) ބޭނުންކޮށްގެން، ނިޒާމީ ސިފައެއްގައި ހިންގި 'ސްޓޭޓް ކެޕްޗަރ' ނުވަތަ ދައުލަތުގެ ބާރު މުށުތެރެއަށްލައިގެން ހިންގި ޖަރީމާއެކެވެ.
ހިޔާނާތުގެ ފެށުން: ދައުލަތުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރުން
އިލްމީ އަދި ތަހުގީގީ ދިރާސާތަކުން އެނގޭ ގޮތުގައި، ކޮރަޕްޝަނުގެ މިފަދަ ބޮޑު ނިޒާމެއް (Systemic Corruption) ސަރުކާރެއްގެ ތެރޭގައި ހިންގޭނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހުއްދައާއި ނުފޫޒު ލިބިގެންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ގާނޫނާ ހިލާފަށް، އެއްވެސް ބިޑުކުރުމެއް ނެތް ގޮތަށް ރަށްތަކާއި ފަޅުތައް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކުރީ ރައީސް ޔާމީންގެ ސީދާ ނުފޫޒުންނެވެ. ފަތުރުވެރިކަމާ ބެހޭ މިނިސްޓުރީގެ ދައުރާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިންޒާރުތަކަށް ގޮންޖަހައި އެމްއެމްޕީއާރުސީ އަކީ ފައިސާ ދައުރުކުރާ މައި ހަބަކަށް ހެދިއެވެ. ކޯޓުތަކުގެ ޝަރީއަތްތަކުގައި ޒިޔަތާއި އަދީބު ދީފައިވާ ބަޔާންތަކުގައި، ރަށްތައް ދޫކުރުމާއި، އެއިން ލިބޭ ފައިސާ ދައުރުކުރާނެ ގޮތުގެ ސީދާ އިރުޝާދު ދެއްވަނީ ރައީސް ޔާމީން ކަމަށް ސާފުކޮށް ބުނެފައިވެއެވެ. ރަށްތަކުގެ އެކިއުޒިޝަން ކޯސްޓް (ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބޭ ފައިސާ) މީރާއަށް ވަނުމުގެ ބަދަލުގައި، އެ ފައިސާ އެންމެ ފުރަތަމަވެސް ވައްދަނީ އެސްއޯއެފް ގެ އެކައުންޓަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން ގެ ތަހުގީގީ ހޯދުންތައް
މި ހިޔާނާތުގެ އަސްލު ފުންމިނާއި، ބޮޑުމިނާއި، ފައިސާ ދައުރުވި ގޮތް އެންމެ ރަސްމީ ހައިސިއްޔަތުން އެންމެ ފުރަތަމަ ތަފްސީލުކޮށްދިނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (ACC) އިން ނެރުނު ބޮޑު ތަހުގީގީ ރިޕޯޓެވެ. މި ގޮތުން އެ ރިޕޯޓަށް ބަލާއިރު،
ނިޒާމީ ވައްކަން: އޭސީސީގެ ރިޕޯޓުން ހާމަވި ގޮތުގައި، ޖުމްލަ 57 ރަށަކާއި ފަޅެއް ބިޑުކުރުމަކާއި ނުލައި ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 79 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ދައުލަތުގެ މާލީ ނިޒާމުން ބޭރުވެގެން ގޮސްފައެވެ.
ރައީސް ޔާމީނާ އޮތް ގުޅުން: ރިޕޯޓުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ ތެރެއިން ގެއްލުނު ފައިސާގެ ތެރެއިން އެއް މިލިއަން އެމެރިކާ ޑޮލަރު ސީދާ ރައީސް ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކު ބޭންކު ގައި ހުޅުވާފައި އޮންނަ އެކައުންޓަށް ޖަމާވެފައިވެއެވެ.
ފައިސާ ދައުރުވި އެހެން ފަރާތްތައް: އޭސީސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އެސްއޯއެފުގެ އެކައުންޓްތަކުން ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ގިނަ އަދަދެއްގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، އަދި ސިޔާސީ އެކި ފަރާތްތަކަށް ފައިސާ ބަހާފައިވެއެވެ. މިއީ ސަރުކާރުގެ ބާރު ދެމެހެއްޓުމަށާއި ސިޔާސީ ނުފޫޒު ފެތުރުމަށް ހިންގި ނިޒާމީ ރިޝްވަތުގެ ވިއުގައެއްކަން އޭސީސީ ގެ ހޯދުންތަކުން ކަށަވަރުކުރެވެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތް ހިނގައިދިޔައީ ހަމައެކަނި ސަރުކާރުގެ ތެރެއަކުން ނޫނެވެ؛ އެއީ ދައުލަތުގެ މާލީ ފާރަވެރިންނާއި ބޭންކިން ނިޒާމުގެ ވަރަށް ބޮޑު ފެއިލްވުމެކެވެ. މީރާ ނުވަތަ ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރުގެ ރެގިއުލާ ޗެކުތައް، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފުގެ އެކައުންޓަށް ޖަމާކުރަމުން ދިޔައިރު، ބޭންކުތަކުގެ 'ގާނޫނަށް ބޯލެނބުމުގެ ނިޒާމު' (Compliance) އިން އެކަން ހުއްޓުވާފައެއް ނުވެއެވެ. ހާއްސަކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (MMA) ގެ ދަށުން ހިނގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (FIU) އަށް ބޭންކުތަކުން 'ޝައްކުކުރެވޭ މުއާމަލާތްތަކުގެ ރިޕޯޓް' (Suspicious Transaction Reports) ފޮނުވުމުންވެސް، އޭރުގެ ސިޔާސީ ނުފޫޒާއި، ބާރުގެ ސަބަބުން އެކަންކަން އޮތީ އޮބާލާފައިވާކަން އޭސީސީގެ ތަހުގީގުން އެނގެއެވެ. ބައިނަލްއަގުވާމީ ގޮތުން މަނީ ލޯންޑަރިން މަނާކުރާ މިންގަނޑުތަކާ ހިލާފަށް، ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ، 'ސިޔާސީގޮތުން ފާޅުވާ މީހާ' (Politically Exposed Person) ކަމަށްވެފައި، ރައީސް ޔާމީނުގެ އެކައުންޓަށް ކުއްލިއަކަށް 1 މިލިއަން ޑޮލަރު ވަނުމުންވެސް ބޭންކުން އެކަން ފުރީޒު ނުކުރުމަކީ، އެދުވަސްވަރު މުޅި މާލީ ނިޒާމު ކުށްވެރިންގެ ވިއުގައަށް ފަހިވާގޮތަށް ބަލިކަށިވެފައި އޮތްކަމުގެ ސާފު ހެއްކެކެވެ.
އަލްޖަޒީރާގެ ރިޕޯޓް
2016 ވަނަ އަހަރު އަލްޖަޒީރާއިން ގެނެސްދިން 'ސްޓީލިންގ ޕެރަޑައިސް' ރިޕޯޓުގައި، ރައީސް ޔާމީން ދައުލަތުގެ މާލިއްޔާއިން މަނީ ލޯންޑްރިންގ އާއި ރިޝްވަތުގެ ބޮޑެތި މުއާމަލާތްތައް ހިންގިކަމުގެ ތުހުމަތުކޮށްފައިވެއެވެ. އަދި ހާއްސަކޮށް، އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިފައިވާ ފައިސާ ކަޅު ދަބަސްތަކުގައި ސީދާ ރައީސް ޔާމީނުގެ އަމިއްލަ ގެކޮޅު، ދޫވެއްސަށް ގެންގޮސްފައިވާކަމަށް ސިއްރު ރެކޯޑިންތަކެއް މެދުވެރިކޮށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، މި ރިޕޯޓު ދިވެހިރާއްޖޭގައި ދެއްކުން މަނާކޮށް، ރައީސް ޔާމީނުގެ ސަރުކާރުން މި ރިޕޯޓު ދޮގުކޮށްފައި ވެއެވެ.
ހިޔާނާތުގެ އެތެރެފުށް: އަދީބާއި ޒިޔަތުގެ ބަޔާންތައް
ކޮރަޕްޝަންގެ މި ބޮޑު ނެޓްވޯކުގެ އެތެރެފުށާއި، ރައީސް ޔާމީންގެ ސީދާ މޭސްތިރިކަން ހާމަވެގެންދިޔައީ ކޯޓު ޝަރީއަތްތަކުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތު ދެއްވި ވަރުގަދަ ހެކިބަހުންނެވެ. ޒިޔަތު ކޯޓުގައި ސާފުކޮށް ހާމަކުރެއްވި ގޮތުގައި، ކުއްޔަށް ދޫކުރާނެ ރަށްތަކާއި ފަޅުތައް ކަނޑައެޅުމާއި، އެ ތަންތަނުގެ އަގުތައް (Acquisition Costs) ކޮންޓްރޯލް ކުރުމާއި، އަދި އެއިން ލިބޭ ޗެކްތައް ދައުލަތުގެ ހަޒާނާއަށް ވެއްދުމުގެ ބަދަލުގައި އެސްއޯއެފަށް އެންޑޯޒްކޮށްގެން ޖަމާކުރާނެ ގޮތުގެ ސީދާ އިރުޝާދު ޒިޔަތަށް ދެއްވަނީ ރައީސް ޔާމީނެވެ. ހަމައެއާއެކު، އަހްމަދު އަދީބު ދެއްވި ބަޔާންތަކުގައި، އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި މާލީ މުއާމަލާތްތަކުގެ އަޕްޑޭޓްތައް ރައީސް ޔާމީން ވަގުތުން ވަގުތަށް ހޯއްދަވާ ކަމަށާއި، އެސްއޯއެފް އެކައުންޓުތަކުން އެކިއެކި ސިޔާސީ ބޭނުންތަކަށާއި ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް ފައިސާ ފޮނުވަނީ ސީދާ ޔާމީންގެ އަމުރަށް ކަމަށް އިއުތިރާފުވެފައިވެއެވެ. ޖިނާއީ ގާނޫނުގެ ނަޒަރުން ބަލާއިރު، ކުށުގެ އަމަލުގައި ސީދާ ބައިވެރިވި ދެ މީހެއް (Accomplice Witnesses) ގެ ހެކިބަހަކީ، ރައީސް ޔާމީނުގެ ކިބައިގައި ހިޔާނާތް ހިންގުމުގެ ނިޔަތް (Mens Rea) އާއި އަމަލީ ގޮތުން ބައިވެރިވުން (Actus Reus) އޮތްކަން ސާބިތުކޮށްދޭ އެންމެ ގާތުން ފެންނަށްހުރި ދިރޭ، ބާރުހުރި ހެކިތަކެވެ.
ނިޒާމީ ރޭވުމެއް
އެމްއެމްޕީއާރުސީ ހިޔާނާތުގެ މުޅި ނިޒާމު ރޭވިފައި އޮތް ގޮތާއި، ރައީސް ޔާމީންގެ ސީދާ ބައިވެރިވުން އޮތް މިންވަރު އެންމެ ސާފުކޮށް ފެންނަން އޮތީ ދައުލަތުން ވަކިވަކިން ބަލާފައިވާ ބޮޑެތި މާލީ މުއާމަލާތްތަކުގެ ތެރެއިންނެވެ. މިގޮތުން، މި ޖަރީމާގެ މޭސްތިރިކަން ނުވަތަ މުގޫކަން ސާބިތުކޮށްދިނުމަށްޓަކައި ދައުލަތުގެ ތަހުގީގީ އިދާރާތަކުންނާއި ޝަރީއަތުގެ މަރުހަލާގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ދޫކުރި ރަށްތަކާއި ފަޅުތަކުގެ ހާއްސަ މައްސަލަތަކެވެ.
ހ. ވޮޑަމުލާގެ މައްސަލަ
ހުވަދު އަތޮޅު އުތުބުރީ ވޮޑަމުލާގެ މައްސަލައަކީ ރައީސް ޔާމީނުގެ މައްޗަށް އެންމެ ފުރަތަމަ ޖިނާއީ ކުށް ކުރިމިނަލް ކޯޓުގައި ސާބިތުވި މާލީ ޖަރީމާއެވެ. ފަތުރުވެރިކަމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ލިބެންޖެހޭ 1 މިލިއަން އެމެރިކާ ޑޮލަރު، އެމްއެމްޕީއާރުސީގެ ތެރެއިން ހިޔާނާތްތެރިވެ، އެސްއޯއެފުގެ އެކައުންޓަށް ބަދަލުކުރުމަށްފަހު، އެ ފައިސާ ސީދާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކު ބޭންކުގައި އޮންނަ އަމިއްލަ އެކައުންޓަށް ޖަމާކުރިއެވެ. އަދި އޭސީސީއިން އެ ފައިސާ ދައުލަތާ ހަވާލުކުރަން އެންގުމުން، ރައީސް ޔާމީން ވަނީ އެސްކްރޯ އެކައުންޓަކަށް އެހެން 'ފައިސާއެއް' ޖަމާކޮށް އޮޅުވާލަން މަސައްކަތް ކުރައްވާފައެވެ. 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން މި މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، 2021 ގައި ސްޕްރީމް ކޯޓުން ވަނީ ބައެއް ހެކިތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ މި ހުކުމް ބާތިލުކޮށްފައެވެ.
ށ. އާރަށުގެ މައްސަލު
ފެލިދެ އަތޮޅު އާރަށުގެ މައްސަލައަކީ ރައީސް ޔާމީންގެ ވެރިކަމުގެ ނުފޫޒު އެންމެ ސީދާ ގޮތެއްގައި ފެންނަން އޮތް މައްސަލައެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔޫސުފް ނައީމްގެ އަތުން ރައީސް ޔާމީން 1 މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތު ހިއްޕެވި ކަމަށްބުނެ ދައުލަތުން ދައުވާކުރިއެވެ. މި ފައިސާ ޔާމީންގެ ބޭންކު އެކައުންޓަށް ޖަމާކޮށް، ލޯންޑަރ ކުރިކަން މާލީ ޓްރާންސެކްޝަންތަކަށް ބެލުމުން މަދަނީ މިންގަޑުން ސާބިތުވެއެވެ. 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، 2024 ވަނަ އަހަރު ހައިކޯޓުން އިޖުރާއީ މައްސަލަތަކެއް ހުރުމުން ހުކުމް ބާތިލުކޮށް، އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވިއެވެ. ސުޕްރީމް ކޯޓުންވެސް ވަނީ ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައެވެ.
ނ. ފުއްގިރީގެ މައްސަލަ
ފުއްގިރި މައްސަލައަކީ ބައިނަލްއަގުވާމީ މެދުވެރިން ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު މާލީ މުއާމަލާތެކެވެ. ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 1.1 މިލިއަން އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ހޯއްދަވައި، އެ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އާއި ސަން އިންވެސްޓްމަންޓް ބޭނުންކޮށްގެން ލޯންޑަރ ކުރި ކަމުގެ ދައުވާއެވެ. މި މައްސަލައިގައި އަޙްމަދު ކްރިކް ރިޒާ މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށްގެން ފައިސާ ހޯދާފައިވާ ކަމަށް އަދީބާއި ޒިޔަތުގެ ހެކިބަހުން އެނގެއެވެ. މި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ ކުރިއަށެވެ.
އެސްއޯއެފް: މާލީ މެދުވެރިޔާ
ތަހުގީގީ ރިޕޯޓުތަކުން އެނގޭ ގޮތުގައި، އެސްއޯއެފަކީ އެމްއެމްޕީއާރުސީގެ ތެރެއިން ވަގަށް ނެގި ފައިސާ ދައުރުކުރުމަށް ބޭނުންކުރި މައިގަނޑު 'ބްރޯކަރޭޖް' ނުވަތަ ކޮންޑުއިޓް (Conduit) އެވެ. ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (MIRA) އަށް ވަންނަންޖެހޭ ޗެކުތައް، އެމްއެމްޕީއާރުސީގެ އިސްވެރިންގެ އަމުރަށް އެންޑޯޒްކޮށް، ސީދާ ޖަމާކުރީ އެސްއޯއެފް ގެ ބޭންކް އެކައުންޓްތަކަށެވެ. އެސްއޯއެފް އެކައުންޓަށް ވަން 1.2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ބޮޑު ބައެއް ސިޔާސީ ނުފޫޒުގަދަ ފަރާތްތަކަށާއި، މަޖިލިސް މެންބަރުންނަށާއި، އަދި ސީދާ ރައީސް ޔާމީންގެ އަމިއްލަ ބޭންކް އެކައުންޓަށް ޓްރާންސްފަރ ކުރިއެވެ. ގާނޫނީ ގޮތުން އެސްއޯއެފް ގެ ވެރިންނަށް ދައުލަތުން ދިން 'އިމިއުނިޓީ' އަށް ފާޑުކިއުން އަމާޒުވި ނަމަވެސް، އެ ކުންފުންޏަކީ ކުށުގެ އާމްދަނީ 'ލޯންޑަރ' ކުރަން ބޭނުންކުރި މައިގަނޑު ވަސީލަތެވެ. ދޮންނަ މެޝިނެވެ.
ބައިނަލްއަގުވާމީ މައްސަލަތަކާއި އެމްއެމްޕީއާރުސީ މައްސަލަ އަޅާކިޔުން
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ދައުލަތުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ސްޓޭޓް ކެޕްޗަރ ނުވަތަ ނިޒާމީ ކޮރަޕްޝަންގެ އެންމެ ބޮޑު އެއް ޖަރީމާއެވެ. މި ވައްކަމުގެ ފާޑުވެރިކަން މެލޭޝިޔާގެ އެމްޑީބީ1 އާއި ބްރެޒިލުގެޕެޓްރޯބްރާސް ހިޔާނާތުގެ މައުލޫމާތުތަކުން މި ތިން މައްސަލައިގެ އެއްގޮތްކަން ހާމަވެއެވެ.
ހ. އެމްއެމްޕީއާރުސީ އާއި މެލޭޝިޔާގެ އެމްޑީބީ1 ގެ މައްސަލަ
އެމްއެމްޕީއާރުސީ ހިޔާނާތާއި ރައީސް ޔާމީންގެ މައްސަލައަކީ ބައިނަލްއަގުވާމީ މާލީ ޖަރީމާތަކުގެ ތާރީހުގައި އެންމެ މަޝްހޫރު އެއް މައްސަލަ ކަމަށްވާ މެލޭޝިޔާގެ ތަރައްގީގެ ބޭންކު (Malaysia Development Berhad1) ބޮޑު ޚިޔާނާތާ 'މޮޑަސް އޮޕަރޭންޑީ' (Modus Operandi) ނުވަތަ ޖަރީމާ ހިންގި ގޮތުގެ ވައްޓަފާޅިއާއި ގާނޫނީ ތަބީއަތުން ދާދި އެއްގޮތް މައްސަލައެކެވެ. މެލޭޝިޔާގެ މައްސަލައިގައި، ދައުލަތުގެ ސައްހަ އިންވެސްޓްމަންޓް ފަންޑުން ބިލިއަނުން ޑޮލަރު ވަގަށް ނަގައި، އެ ފައިސާ ދޮވުމަށްޓަކައި 'ގޫޑް ސްޓާރ' (Good Star) އާއި ބުލެކްރޮކު (Blackrock) ފަދަ އަމިއްލަ ޝެލް ކުންފުނިތަކާއި އޮފްޝޯ އެކައުންޓްތަކުގެ ވިއުގައެއް ބޭނުންކުރިއެވެ. މިއީ ރާއްޖޭގައި އެމްއެމްޕީއާރުސީގެ ތެރެއިން ދައުލަތަށް ވަންނަންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ގެ އެކައުންޓްތަކަށް ބަދަލުކޮށް، އެތަނުން އެކި ފަރާތްތަކަށް ބެހި ނިޒާމާ މުޅިން އެއްގޮތް ނިޒާމެކެވެ. ދެ މައްސަލައިގައިވެސް އެންމެ ފަހުގެ ނަތީޖާއަކަށްވީ، ދައުލަތުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށް މާލީ ނިޒާމު ހިސާރުކޮށްގެން (State Capture)، ހިޔާނާތުގައި މިލިއަނުން ޑޮލަރު ސީދާ ގައުމުގެ އެންމެ މަތީ ވެރިޔާ (ބޮޑުވަޒީރު ނަޖީބު ރައްޒާގާއި، ރައީސް ޔާމީން) ގެ އަމިއްލަ ބޭންކު އެކައުންޓުތަކަށް ޖަމާކޮށްފައިވުމެވެ.
ޝަރީއަތުގެ މަރުހަލާގައި ނަޖީބު ރައްޒާގުގެ ދިފާއުގައި ވަކާލާތު ކުރެއްވީ، އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ވަން 681 މިލިއަން އެމެރިކާ ޑޮލަރަކީ ސައުދީ ޝާހީ އާއިލާއިން ދެއްވި 'ސިޔާސީ ހަދިޔާއެއް' (Political Donation) ކަމަށާއި، އެއީ އެމްބީޑީ1 ގެ ފަންޑުން ވަގަށް ނަގާފައިވާ ފައިސާއެއްކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިއީ ރައީސް ޔާމީނުގެ އެކައުންޓަށް ވަނީ ކުށުގެ އާމްދަނީއެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އަދި އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހޯއްދަވައިދެއްވި 'ސިޔާސީ ކެމްޕޭން ފަންޑު' އެއް ކަމަށް ވިދާޅުވެ ރައީސް ޔާމީނު ނަންގަވާ ދިފާއާ ދާދި އެއްފަދަ ދިފާއެކެވެ. ނަމަވެސް، މެލޭޝިޔާގެ ހައިކޯޓާއި، ކޯޓް އޮފް އެޕީލް އަދި ފެޑެރަލް ކޯޓުން ނުވަތަ ސުޕްރީމް ކޯޓުން ނަޖީބުގެ މި ދިފާއު ބަލައެއް ނުގަތެވެ. އަދި ނަޖީބު ރައްޒާގުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ ބައިނަލްއަގުވާމީ ޖިނާއީ ގާނޫނުގައި ނުހަނު ބަރުދަން ހުރި ތިން މައިގަނޑު އަސާސެއްގެ މައްޗަށް ބިނާކޮށެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު، މިސާލަކަށް، އދގެ ކަރަޕްޝަނާ ދެކޮޅު ކޮންވެންޝަން (UN Convention Against Corruption) ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އެކައުންޓަށް ވަންނަ ފައިސާގެ ހިސާބު ސާފުކޮށްދިނުމަކީ (Asset Declaration) ގައި ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ބޮޑުވަޒީރު އަމިއްލަ މަސްއޫލިއްޔަތެކެވެ. މެލޭޝިޔާގެ އެމްޑީބީ1 ގެ މައްސަލައިގައި ނަޖީބު ރައްޒާގު ނެންގެވި ދިފާއު ކޯޓުން ބޭރުކޮށްލީ، އެހާ ބޮޑު އަދަދެއްގެ ފައިސާ ވަންނައިރު އޭގެ އަސްލު ނޭނގޭ ކަމަށް ބުނުމަކީ ގާނޫނީ ހަމައިން ބަލައިގަނެވޭނެ ކަމަކަށް ނުވާތީއެވެ.
ފުރަތަމަ އަސާސަކީ: 'އެނގިހުރެ ގަސްތުގައި ދެލޯ މަރާލުން' (Wilful Blindness) ގެ އުސޫލެވެ. މެލޭޝިޔާގެ ކޯޓުތަކުން ކަނޑައެޅީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވާއިރު، އަމިއްލަ އެކައުންޓަށް އާދަޔާ ހިލާފަށް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަމުންދާއިރު، އެ ފައިސާގެ ހަގީގީ މަސްދަރާއި އަސްލު ހޯދައި ބެލުމަކީ ގާނޫނީ ގޮތުން ދެލޯ މަރާލެވޭނެ ކަމެއް ނޫން ކަމަށެވެ. ކުށެއް ހިނގާކަމުގެ ބޮޑު ސިގުނަލެއް ލިބުމުންވެސް، އަމިއްލަ ސަލާމަތަށްޓަކައި ގަސްތުގައި ސުވާލު ނުއުފައްދާ ދޫކޮށްލުމަކީ ގާނޫނީ ގޮތުން "ގަސްތުގައި ކުށުގައި ބައިވެރިވުން" (Actual Knowledge) ކަމަށް ބެލެވޭނެ ހަމައެކެވެ.
ދެވަނަ އަސާސަކީ: އޮބްޖެކްޓިވް އިލްމު/ހެކި (Objective Knowledge) ވަޒަންކުރުމެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، އެ ފައިސާއަކީ ހަދިޔާއެއް ކަމަށް ބުނާއިރު، ފައިސާ އެކައުންޓަށް ވަނުމާއެކު، ނަޖީބު ރައްޒާގު ވަނީ އެ ފައިސާއިން އަމިއްލަ އަގުބޮޑު ސާމާނު ގަތުމަށާއި، ކްރެޑިޓް ކާޑު ބިލްތައް ދެއްކުމަށާއި، އަދި ސިޔާސީ ޕާޓީތަކަށް ރިޝްވަތު ދިނުމަށް ނުހަނު އަވަހަށް ބޭނުންކުރައްވާފައެވެ. މިފަދަ އަމަލުތަކުން ދޭހަކޮށްދެނީ، އެ ފައިސާ ބޭނުންކުރުމުގައި އެމަނިކުފާނުގެ ކިބައިގައި 'ނާޖާއިޒު ނިޔަތް' (Dishonest Intention) ނުވަތަ "މެންސް ރެއާ" އޮތްކަމެވެ. ހަމަ މިމޭރުމުން ބަލާއިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތް ހިޔާނާތުގެ ފައިސާ ވަނީ އިސްލާމިކު ބޭންކުގައި އިންވެސްޓުމަންޓު އެކައުންޓެއް ހުޅުވައި، ދާއިމީ ފައިދާއާއި، މަންފާ ލިބޭނެގޮތުގެ މަތިން އިންވެސްޓުކުރައްވާފައެވެ.
ތިންވަނަ އަސާސަކީ: ’މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން' (Abuse of Position) ކުރުމެވެ. ނަޖީބު ރައްޒާގަކީ ހަމައެކަނި ބޮޑުވަޒީރެއް ނޫނެވެ، އެމަނިކުފާނަކީ އޭރުގެ މާލީ ވަޒީރު އަދި އެމްޑީބީ1 ގެ އެޑްވައިޒަރީ ބޯޑުގެ ރައީސްވެސް މެއެވެ. އެހެންކަމުން، މަގާމުގެ ބާރު ބޭނުންކުރައްވައިގެން ފަންޑުގެ ނިންމުންތަކަށް ނުފޫޒު ފޯރުއްވައި، ފައިސާ ދައުރުކުރުމަށް މަގުފަހިކޮށްދެއްވިކަން ބޭންކިންގެ ރެކޯޑްތަކުންނާއި ހެކިންގެ ބަހުން ސާބިތުވާތީ، ފައިސާގެ އަސްލު ނޭނގެއޭ ބުނެ ސަލާމަތްވުމުގެ ފުރުސަތު ކޯޓުން ބަންދުކުރިއެވެ. ބައިނަލްއަގުވާމީ މި ހަމަތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ރައީސް ޔާމީން ކޯޓުތަކުން މިނިވަންކުރީ ތަހުގީގީ އިދާރާތަކާއި ޕްރޮސިކިއުޝަންގެ އިޖުރާއީ ބަލިކަށިކަމުގެ ސަބަބުންނެވެ.
ށ. އެމްއެމްޕީއާރުސީއާއި ބްރެޒިލްގެ ޕެޓްރޯބްރާސް ހިޔާނާތުގެ މައްސަލަ
ބްރެޒިލްގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ 'ޕެޓްރޯބްރާސް / ލާވާ ޖާޓޯ (އޮޕަރޭޝަން ކާރު ދޮވުން)' (Petrobras / Lava Jato (Operation Car Wash)) މައްސަލައަކީވެސް ރާއްޖޭގެ އެމްއެމްޕީއާރުސީ ހިޔާނާތާ ދާދި އެއްގޮތް މުއާމަލާތްތަކެއް ހިނގާފައިވާ މައްސަލައެކެވެ. މި ޖަރީމާގައި ދައުލަތުގެ އެންމެ ބޮޑު ތެޔޮ ކުންފުނީގެ ކޮންޓްރެކްޓުތަކުގެ އަގު ބޮޑުކޮށް، އަމިއްލަ ކުންފުނިތަކަށް ދީގެން 'ކިކްބެކްސް' (Kickbacks) ނުވަތަ ރިޝްވަތުގެ ގޮތުގައި ބިލިއަނުން ޑޮލަރު ހޯދައި، ސިޔާސީ ވެރިންގެ އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކުރިއެވެ. މި މައްސަލައިގައި ބްރެޒިލްގެ ގިނަ ސިޔާސީ ވެރިންވެސް ދިފާއުގައި ބުނަމުންދިޔައީ އެ ފައިސާގެ ހަގީގީ މަސްދަރާއި އަސްލު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ 'ހައްގުނޫން މުއްސަނދިކަން ސާފުކޮށްނުދެވުން' (Unexplained Wealth) މި އުސޫލަށް ރިއާޔަތްކޮށް ގާނޫނުތަކުގެ ދަށުން އެ ހުރިހާ އެންމެން ވަނީ ކުށްވެރިވެފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ޕެޓްރޯބްރާސް މި މައްސަލައާ އަޅާކިޔާއިރު، މުއާމަލާތް ހިނގާފައިވަނީ ދާދި އެއް އިއްތިފާގަކަށެވެ. މިގޮތުން،
ފުތަމަކަމަކަށް، ދައުލަތުގެ ކުންފުންޏެއް ބޭނުންކުރުން: ރާއްޖޭގައި އެމްއެމްޕީއާރުސީ ބޭނުންކުރި ފަދައިން، ބްރެޒިލްގައި ބޭނުންކުރީ އެ ގައުމުގެ ދައުލަތުގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ 'ޕެޓްރޯބްރާސް' އެވެ. އެ ކުންފުނީގެ ބޮޑެތި ކޮންޓްރެކްޓުތަކުގެ އަގު ބޮޑުކޮށް، އަމިއްލަ ކުންފުނިތަކަށް ދީގެން ބިލިއަނުން ޑޮލަރު ވަގަށް ނެގިއެވެ.
ދެވަނަކަމަކަށް، ހިޔާނާތުގެ ފައިސާ ސިޔާސީ ކަންކަމަށް ހޭދަކުރުން: ޕެޓްރޯބްރާސްގެ ތެރެއިން ނެގި ފައިސާ ދައުރުކުރީ ރާއްޖޭގެ އެސްއޯއެފް ފަދަ 'މެދުވެރި' ނެޓްވޯކްތަކެއް ބޭނުންކޮށްގެންނެވެ. އެ ފައިސާ ބޭނުންކުރީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމަށާއި، ވެރިކަން ކުރާ ޕާޓީގެ ސިޔާސީ ކެމްޕޭންތަކަށް ޚަރަދުކޮށް، 'ދައުލަތުގެ ބާރުތައް މުށުތެރެއަށްލުމަށް' (State Capture) އަށެވެ.
ގައުމުގެ އެންމެ މަތީ ވެރިޔާގެ ދިފާއާއި ކޯޓުގެ ނިންމުން: މި މައްސަލައިގައި ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާއަށް ރިޝްވަތުގެ ގޮތުގައި އަގުބޮޑު އެޕާޓްމަންޓެއް ލިބުނު ކަމަށް ބުނެ ޖަލު ހުކުމެއް އިއްވިއެވެ. ލޫލާގެ ދިފާއަކީ އެއީ އެމަނިކުފާނުގެ އަމިއްލަ އެއްޗެއްކަން ސާބިތުނުވާ ކަމަށާއި ފައިސާގެ އަސްލު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ބައިނަލްއަގުވާމީ ޖިނާއީ އަދުލުގެ މިންގަނޑުން ބަލާއިރު، ދައުލަތުގެ ވެރިޔާގެ އެކައުންޓަށް ވަންނަ ހިޔާނާތުގެ ފައިސާއިން ދިފާއުވުމަށް ދައްކާ 'ސިޔާސީ ފަންޑު' ގެ ހުއްޖަތަކީ ބަލައިގަނެވޭނެ ގާނޫނީ ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ.
ފަހުން ބްރެޒިލްގެ ސުޕްރީމް ކޯޓުން ވަނީ ޝަރީއަތްކުރި ކުރި ފަނޑިޔާރު ބައެސްޑް (Biased) ވެފައިވާ ކަމަށް ބުނެ، އިޖުރާއީ ގޯސްތަކެއް ހުރުމުން ލޫލާގެ ހުކުމް ބާތިލުކޮށް، ލޫލާ މިނިވަންކޮށްފައެވެ. މިއީ ރާއްޖޭގެ ސުޕްރީމް ކޯޓުން ތަހުގީގީ އިދާރާތަކާއި ޕްރޮސިކިއުޝަންގެ އިޖުރާއަތުގައި ހުރި ބަލިކަށިކަމުން ރައީސް ޔާމީން މިނިވަންކުރުމަށް މެދުވެރިވީ ސަބަބާ ވަރަށް އެއްގޮތް ކަމެކެވެ. ލޫލާ މުޅި މައްސަލައިން މިނިވަން ވެގެން ދިޔައަސް ރައީސް ޔާމީން އަދިވެސް ހުއްޓިވަޑައިގެން ހުންނެވީ ޝަރީއަތުގެ ކުރިމަތީގައި މުއްތަހަމެއްގެ ގޮތުގައެވެ.
ދައުލަތުގެ ޕްރޮސިކިއުޝަނަށް ދިފާއު ފޫއަޅުވައިނުލެވުން
ރައީސް ޔާމީނުގެ މައްޗަށް ކުރެވުނު ދައުވާތަކުން ދިފާއުވުމަށް ނެންގެވި ހުއްޖިއްޔަތްތަކާއި ބެސްޓު ޕުރެކްޓިހާއި އަޅާކިޔަލުމަކީ މުހިންމު ކަމެކެވެ. މި ގޮތުން،
ހ. ޝައްކުން އުފެދޭ މަންފާ (Reasonable Doubt ޖިނާއީ އަދުލުގެ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ، ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ މީހަކީވެސް ކޯޓުން ކުށް ސާބިތުނުވާހާ ހިނދަކު ބަރީއަވެގެންވާ މީހެއްކަމަށް ބަލާ 'ޕްރެޒަމްޕްޝަން އޮފް އިނޮސެންސް' (Presumption of Innocence) އެވެ. މި އަސާސް ނެގެހެއްޓުމަށްޓަކައި، އެކަށީގެންވާ 'ޝައްކެއްނެތް މިންވަރަށް' (Beyond Reasonable Doubt) ދައުލަތުން ކުށް ސާބިތުކޮށްދޭންޖެހެއެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު Woolmington v DPP (1935) މައްސަލައިން އުފަންވި މި 'ގޯލްޑަން ތުރެޑް' (Golden Thread) އަކީ ކުށް ސާބިތުކުރުމުގެ 'ބާޑަން އޮފް ޕްރޫފް' (Burden of Proof) އެއްކޮށް ދައުލަތަށް ލާޒިމުކުރާ ނެތިނުދާނެ ރަންގަނޑެވެ. މި ބެސްޓް ޕްރެކްޓިސްގެ ދަށުން، ދައުލަތުގެ ހެކިތަކުގައި ކިތަންމެ ކުޑަވެސް ރެނދެއް ނުވަތަ ޝައްކެއް އުފެދިއްޖެނަމަ، އެ 'ބެނެފިޓް އޮފް ޑައުޓް' (Benefit of Doubt) ގާނޫނީގޮތުން ލިބޭނީ ދައުވާލިބޭ ފަރާތަށެވެ. ރައީސް ޔާމީންގެ ވޮޑަމުލާ މައްސަލައިގައި، އެމަނިކުފާނުގެ އެކައުންޓަށް ވަތް ފައިސާއަކީ ސީދާ އެ ރަށުގެ އިކުއިޒިޝަން ކޮސްޓްކަން އަންގައިދޭ 'ބޭންކް ޓްރެއިލް' (Bank Trail) އެއްވެސް މެދުކެނޑުމެއްނެތް ސީދާ ރޫޓަކުން ދައުލަތަށް ސާބިތުކޮށްނުދެވުމަކީ، މި 'ގޯލްޑަން ތުރެޑް' އުސޫލު ގެ ދަށުން އެމަނިކުފާނަށް ސުޕްރީމް ކޯޓުން މިނިވަންކަން ލިބިވަޑައިގަތް މައިގަނޑު ސަބަބެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގައި، އެމަނިކުފާނުގެ ދިފާއުން އެންމެ ބޮޑަށް ވަކާލާތުކޮށްފައިވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ބެސްޓް ޕްރެކްޓިސް މަބްދައެއްކަމަށްވާ ކަމަށްވާ 'އިޖުރާއީ އިންސާފު ކަށަވަރުކުރުން' (Provide Procedural Fairness) އަދި 'އިދިކޮޅު ހެކި ހޯދުމުގެ ހައްގު' (Equality of Arms) ގެ މައްޗަށެވެ. މި ގޮތުން، ދައުލަތުން ތަހުގީގުގައި އެއްކުރި ހުރިހާ ލިޔެކިޔުންތަކާއި 'އިންވެސްޓިގޭޝަން ފައިލް' ލިބިދިނުމަކީ އެކަށީގެންވާ ދިފާއެއް ތައްޔާރުކުރުމަށް ގާނޫނީގޮތުން ފުރުސަތު ލިބިދޭންޖެހޭ ކަމެއްކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ވަކާލާތު ކުރައްވާފައެވެ. މީގެ އިތުރުން، ޝަރީއަތް ފެށުމަށްފަހު ދައުލަތުން އަލަށް ހުށަހަޅަން އުޅުނު އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ހެކި ބަލައިގަތުމާ ދެކޮޅަށް ހުއްޖަތް ނެންގެވިއެވެ. މިއީ، ދައުލަތުން މައްސަލަ ސާބިތުކުރުމުގައި 'އުސޫލުތަކުގެ ބޭރުން' ކަންކަން ކުރުން ހުއްޓުވުމަށް ނެންގެވި ވަރުގަދަ ގާނޫނީ ދިފާއެކެވެ. އަދި މިއީ، ދައުލަތުގެ މުއައްސަސާތަކުގެ ބާރާއި ވަސީލަތްތަކުގެ ކުރިމަތީގައި، ކުށުގެ ތުހުމަތުކުރެވޭ ފަރުދުގެ ހައްގުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ގާނޫނީ ދާއިރާގައި ބޭނުންކުރާ އެންމެ މުހިންމު އެއް 'ޑިއު ޕްރޮސެސް' (Due Process) އަސާސެވެ.
ށ. ނިޔަތް ސާބިތުކުރުން (Mens Rea): މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމަށްޓަކައި، އެ ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ދައުވާލިބޭ ފަރާތަށް 'އެނގިހުރެ' ނުވަތަ 'އެނގެންޖެހޭ' ހާލަތެއް އޮވެގެން އެ ފައިސާ ބޭނުންކުރަންޖެހެއެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައި، އަމިއްލަ އެކައުންޓަށް ބޮޑެތި އަދަދުން ފައިސާ ވަންނައިރު އޭގެ އަސްލު ނުބެލުމަކީ ގާނޫނީ ގޮތުން 'އެނގިހުރެ ނޭނގޭކަމަށް ހެދުން' (Wilful Blindness) ކަމަށް ބެލުމުގެ ޖާގަ އޮވެއެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން Global-Tech Appliances v. SEB (2011) މައްސަލައިގައި ކަނޑައަޅާފައިވާ ގޮތުން، ކުށެއް ހިނގާކަމުގެ ބޮޑު އިހުސާސެއް ކުރެވުމުންވެސް، އޭގެ ހަގީގަތް ގަސްތުގައި ނުބަލައި ދޫކޮށްލުމަކީ 'ސީދާ އެނގިހުރެ ކުށްކުރުން' ފަދަ ކަމެކެވެ. ރާއްޖޭގެ ދައުލަތުން މި ނުކުތާ ފާހަގަކުރި ނަމަވެސް، ޔާމީންގެ މައްޗަށް އެކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހުނީ ދައުލަތަށެވެ.
ނ. އެސްކްރޯ އެކައުންޓުގެ އޮޅުވާލުން (Concealment of Assets): ދައުލަތުގެ ޕްރޮސިކިއުޝަނުން ފާހަގަކުރި ގޮތުގައި، ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެސްއޯއެފް އިން ވަން ފައިސާއެއް ނޫނެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރުގެ އަތުން ހޯދި އެހެން ފައިސާތަކެކެވެ. މިއީ ފައިސާގެ އަސްލު އޮޅުވާލައި ފޮރުވަން (Layering/Concealment) ކުރި ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން އެމެރިކާގެ މަޝްހޫރު United States v. Santos (2008) މައްސަލައިގައި މަނީ ލޯންޑަރިންގެ ގޮތުގައި މާނަކޮށްފައިވާ ފަދައިން، ކުށުގެ އާމްދަނީގެ އަސްލު އޮޅުވާލުމުގެ އަމަލެކެވެ. ނަމަވެސް، ފަހުން ރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުން ދައްކަނީ ދައުލަތުން ދައުވާ އުފުލުމާއި ހެކި ހުށަހެޅުމުގައި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހަދާފައިވާތީ، މި ތިއަރީ ކޯޓުގައި ބަލައި ނުގަނެވޭނެކަމަށެވެ.
ނިންމުން
އެމްއެމްޕީއާރުސީ ހިޔާނާތަކީ ވަކިވަކި ބަޔަކު ސިއްރުން ހިންގި ކަމެއް ނޫނެވެ. އެއީ ދައުލަތުގެ އެންމެ މަތީ ބާރު ބޭނުންކޮށްގެން، އެސްއޯއެފް މެދުވެރިއެއްގެ ގޮތުގައި ބޭނުންލކޮށްގެން ހިންގި ނިޒާމީ ވައްކަމެކެވެ. ވޮޑަމުލާ، އާރަށް އަދި ފުއްގިރީގެ މައްސަލަތަކާއި، އަދީބާއި ޒިޔަތުގެ އިއުތިރާފް ބަޔާންތަކުންނާއި އަލްޖަޒީރާގެ ރިޕޯޓުންވެސް ސާފުވެ، ފެންނަނީ މި ހިޔާނާތުގެ ފައިސާ އެކި ގޮތްގޮތުން ދައުރުވެ، އެންމެ ފަހުން ރައީސް ޔާމީންގެ ސީދާ މާލީ މަންފާއަށް ބޭނުންކޮށްފައިވާ ކަމުގެ ހަގީގަތެވެ. ރާއްޖޭގެ ކޯޓުތަކުން ޕްރޮސިކިއުޝަންގެ އިޖުރާއީ ގޯސްތަކުގެ ސަބަބުން ރައީސް ޔާމީނުގެ ހުކުމްތައް ބާތިލުކުރިއެވެ. މިއީ، ހަމައެކަނި އިޖުރާއީ ފައިދާއެކެވެ. ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ އެމްޑީބީ1 މައްސަލައިގެ ގާނޫނީ ނުކުތާތަކަށް ބަލާއިރު، ދައުލަތުގެ ވެރިޔާގެ އެކައުންޓަށް ވަންނަ މިފަދަ ފައިސާގެ އަސްލު ނޭނގެއޭ ބުނާ ދިފާއަކީ ގާނޫނީ ގޮތުން ބުރަދަނެއް ހުރި ހުއްޖަތެއް ނޫނެވެ. ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ ބޮޑެތި ހިޔާނާތްތަކުން ދައުލަތް ސަލާމަތްކުރުމަށް މަޖުބޫރު ކުރުވާ ކަމެކެވެ.