ލ. ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ ޑިޒައިން އެންޑް ބިލްޑް މަޝްރޫޢުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 33.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ނެރުގެ ބޭރުތޮށި ޕްރޮފައިލް ކުރުމުގެ މަސައްކަތްތަކާއި އެޕްރޯޗް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރަށް ވަންނަ ބޮޑެތި ރާޅުތައް ކޮންޓްރޯލް ކުރުމަށްޓަކައި 360 މީޓަރުގެ ބޭރުތޮށްޓެއް ޤާއިމުކުރުމާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ނެރާއި ބަނދަރުގެ ފަޅު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން، އެޕްރޯޗް ސްލެބް އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
ލ. ގަމަކީ ހައްދުންމަތީގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި ފޮނަދޫ، ކައްދޫ އަދި މާމެންދޫއާ އެއްގަމު މަގުން ގުޅިފައިވާ ރަށަކަށް ވުމުން، ގަމުގެ ބަނދަރަކީ މުޅި އަތޮޅުގެ ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކުގެ މައި މަރުކަޒެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ލާމު އަތޮޅުގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް އަދި ވިޔަފާރީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދިނުމެވެ. އެގޮތުން، މި މަޝްރޫޢު ނިމުމުން އެ ސަރަޙައްދުގެ މަސްވެރިކަމުގެ ވިޔަފާރިތަކަށާއި މުދާ އުފުލުމުގެ އިތުރުން، ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު މި މަޝްރޫޢު ނިމުމުގެ ފަހު މަރުޙަލާއާ ވަނީ ގާތްވެފައެވެ.




