ހިމަންދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ޝިޕްމަންޓެއް ފުހުން އަތުލައިގެންފި އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިމަންދޫ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އއ. ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.
އެގޮތުން ހިމަންދޫއަށް ދަތުރުކުރަމުންދާ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، އެ ލޯންޗުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 40 ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




