Ad

ފުލުހުންނާއި ދައުލަތުގެ ފަރުވާކުޑަކަމުން، 71 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި މީހަކު މިނިވަންވެއްޖެ

ގިނަ ޢަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގައި، ދަޢުވާކުރަންޖެހޭ މުއްދަތުގައި ދައުލަތުން ދަޢުވާކޮށްފައިނުވާތީ، ދަޢުވާލިބޭ މީހަކު މިނިވަންވެއްޖެއެވެ.
ޖިނާޢީ އިޖުރާއާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޖިނާޢީ ޢަދުލުގެ ނިޒާމުގައި ކުށުގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ދަޢުވާ އުފުލޭނެ މުއްދަތު އެޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެޤާނޫނު ބުނާގޮތުން، ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ތަޙްޤީޤު ނުނިމޭކަމުގައިވާނަމަ، ތަޙްޤީޤު މުއްދަތު އިތުރުކޮށްދިނުމަށްއެދި ފުލުހުންގެ ފަރާތުން ހުށަހެޅުމުން، އެހުށަހެޅުމަށްބަލައި ތަޙްޤީޤު މުއްދަތު ޕްރޮސެކިއުޓަރ ޖެނެރަލްއަށް އިތުރު ކުރެވިދާނެއެވެ. އެހެން ނަމަވެސް، އެގޮތަށް އިތުރުކުރެވޭނީވެސް ގިނަވެގެން 30 ދުވަހެވެ. ވީމާ، އެކު ޖުމްލަ 60 ދުވަސް ތަޙްޤީޤު މަރުޙަލާއަށް ލިބެއެވެ.
ދައުލަތުގެ ދަޢުވާލިބުނު މީހާ ބަންދުން ދޫވި ޚަބަރު މިނޫހަށް ލިބުމާއެކު، ދަޢުވާލިބުނު މީހާގެ ދިފާޢީ ވަކީލާއި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން، ދަޢުވާލިބޭ މީހާގެ ދިފާޢީ ވަކީލު ޝަޒީމް ވަޙީދު ބުނެފަވަނީ، ދަޢުވާލިބޭ މީހާއަކީ ކުށުގެ ތުހުމަތުކުރެވުނު މަރުޙަލާގައި ފުލުހުންގެ ހައްޔަރަށް ގެންދެވުނު ހިސާބުން، ދަޢުވާކުރުމާއި ހަމައަށްވެސް ފުލުހުންގެ ބަންދުގައިހުރި މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގައި ތަޙްޤީޤު މުއްދަތު ދެފަހަރަކު އިތުރުކުރިކަން ދަޢުވާގެ ލިޔުންތަކުން އެނގެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްއަށްވެސް ތަޙްޤީޤު މުއްދަތު އިތުރުކޮށްދެވޭނީވެސް ފުލުހުންގެ ފަރާތުން ތަޙްޤީޤު މުއްދަތު އިތުރުކޮށްދިނުމަށް އެދި ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތަށް ސަބަބު ބަޔާންކޮށް ހުށަހަޅައިގެންނެވެ. އަދި އެކަން ލިޔުމުން އެނގެން އޮވެގެންނެވެ. މިގޮތުގެ މަތީން، ފުރަތަމަ ފަހަރު ތަޙްޤީޤު މުއްދަތު އިތުރުކޮށްދިނުމަށްޓަކައި، ފުލުހުންގެ ފަރާތުން ހުށަހެޅުމުން، ތަޙްޤީޤު މުއްދަތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރުކޮށްދިނެވެ. އެހެން ނަމަވެސް، ދެވަނަ ފަހަރަށްވެސް ތަޙްޤީޤު މުއްދަތު އިތުރުކޮށްދިނުމަށްއެދި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ފޯމާއި މެދު ދިފާޢީ ވަކީލު ޝަޒީމް ވަޙީދު ޝަރީޢަތުގައި މަޖިލީގައި ސުވާލު އުފެއްދިއެވެ. އެފޯމަކީ ތަޙްޤީޤު މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން ހުށަހެޅި ފޯމެއްތޯ، ކޮން އިރަކު ހުށަހެޅި ފޯމެއްތޯ، ތަޙްޤީޤު މުއްދަތު އިތުރު ކޮށްދިނުމަށް ފުރަތަމަ ފަހަރު ފުލުހުންގެ ފަރާތުން ހުށަހެޅި ފޯމުގެ ތާރީޚާއި، ދެވަނަ ފަހަރަށްވެސް ތަޙްޤީޤު މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި ފޯމުގައި އެއް ތާރީޚެއް ޖަހާފައިވާތީއާއި، ފޯމުގައިވާ ސަބަބުތަކާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ތަޙްޤީޤު މުއްދަތު އިތުރުކޮށްދިން އެއްވެސް ސަބަބަކާއި ދިމާނުވާތީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެވަނަ ފަހަރަށް ތަޙްޤީޤު މުއްދަތު އިތުރު ކޮށްދީފައިވާ ލިޔުމާއި، ގުޅޭ ލިޔުމެއް ދަޢުވާގެ އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނެތްކަމުގައި ދިފާޢީ ވަކީލު ވަނީ ފާހަގަކޮށްފައެވެ.
ވީމާ، ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އިޖުރާއާތާއި އެއްގޮތަށް ތަޙްޤީޤު މުއްދަތު އިތުރުކޮށްދެވިފައިނުވާއިރު، އެމާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި ދައުލަތުން ދަޢުވާ އުފުލާފައިނުވާކަން ސާފުކޮށް އެނގެން އޮންނަކަމުގައި ދިފާޢީ ވަކީލުވަނީ ފާހަގަކޮށްފައެވެ.
ޖިނާޢީ މައްސަލަތަކުގައި ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތުގައިވިޔަސް، ޢަމަލުކުރަންޖެހޭނީ ޤާނޫނުގައި ބަޔާންކުރާ ޞައްޙަ އިޖުރާއާތުތަކާއި އެއްގޮތަށެވެ. އެނޫންގޮތަކަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ޢަމަލުކުރާނަމަ، ދަޢުވާލިބޭ މީހުން ބަންދުން ދޫކުރަން ފަނޑިޔާރަށް ލާޒިމުވާނެކަން ދުނިޔޭގެ ބޮޑެތި އެތަކެއް ޤައުމުތަކުގެ ކޯޓުތަކުގެ ނިންމުންތަކުންވެސް އެނގެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *