Ad

ދިވެހި ދިދައަށް ހާއްސަ ގާނޫނެއް

ދިވެހި ދިދައަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ދިވެހި ދިދައާއި ދައުލަތުގެ ނިޝާނަށް ގާނޫނީ ހިމާޔަތް ބޭނުންވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، މިހާރުވެސް ދިވެހި ދިދަ ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ދިދައިގެ އިތުރުން ދިވެހި ދައުލަތުގެ ނިޝާންވެސް ހިމާޔަތް ކުރާނެ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.

އާދަމް ނަސީރު ވިދާޅުވީ މިހާރު ފެންނަންހުރި ގޮތަށް ބަލާލާއިރުގައި ދައުލަތުގެ ނިޝާންގެވެސް އިންތަކާއި މިންތައް ކަނޑައެޅި، އެއަށް ކަނޑައެޅޭ ވަކި ހަމަތަކެއް އެގޮތަށް ލިޔެވި ގާނޫނީ ސިފައިގައި އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މުހިންމު ނިޝާންތައް ހިމާޔަތް ކުރުމުގެ ވިސްނުމުގައި ބިލެއް ޑްރާފްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.

އެ މަސައްކަތް މިހާރު ތާވަލުކުރެވިފައިވެސްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖޭގައި ދިވެހި ދިދަ ބިންމައްޗަށް ވައްޓާ، ފައިން އަރާފައި ކަންތައް ކުރުމަކުން އެކަން މަނާކުރުމަށް އެއްވެސް ގާނޫނީ ފިޔަވަޅެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވެ އެވެ. ނުވަތަ އެގޮތަށް ދިވެހި ދިދައާއި ދޭތެރޭ އަމަލުކުރާ ފަރާތަކާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ އެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި އެމެރިކާ ފަދަ ގައުމުތަކުގައި އެގައުމުގެ ދިދައަށް ހުރުމަތް ކެނޑޭފަދަ ގޮތަކަށް އަމަލުކޮށްފި ފަރާތަކަށް ގާނޫނުން އަދަބު ދެވޭގޮތަށް ބަޔާންކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *