Ad

ޗައިނާގެ ވެރިކަންކުރާ ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ދައުވަތަކަށް ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި މި ދަތުރަކީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓްމެންޓްގެ ދައުވަތަކަށް ޗައިނާއަށް ކުރާ ދަތުރެކެވެ. މި ދަތުރަކީ މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރެކެވެ.

ޕީއެންސީގެ ފަރާތުން ޗައިނާއަށް ވަޑައިގަންނަވާ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންކަމަށް ޕީއެންސީން ބުނެ އެވެ.

ޗައިނާއަށް ވަޑައިގަންނަވާ ވަފުދުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޒިޔާރަތްތަކުގެ ތެރެއިން އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ.

ޗައިނާގެ އެކި ސިޓީތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރެއްވުން ކުރިއަށްދާނެއެވެ.

މި ދަތުރުގައި ޕީއެންސީގެ ފަރާތުން ޗައިނާއަށް ވަޑައިގަންނަވާ ވަފުދުން ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓްމެންޓްގެ މިނިސްޓަރު ލިއު ޖިންޗާއޯއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޑިޕާޓުމެންޓުގެ ޑެޕިއުޓީ މިނިސްޓަރު ދެއްވާ ހާއްސަ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕީއެންސީން ބުނީ މި ދަތުރުގެ މަގުސަދަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ހަލުވި އިގްތިސޯދީ ކުރިއެރުން ޗައިނާއިން ހާސިލް ކުރި ގޮތުގެ ތަޖުރިބާއިން ދަސް ކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާ ކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *