ޗައިނާއާއިއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް މި މަހު އަމަލުކުރަން ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ޗައިނާއާއެކު ރާއްޖެއިން އެފްޓީއޭ އެއް އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލުކޮށްފައެއް ނުވެ އެވެ. އަދި އަމަލުކުރުމުގެ މަސައްކަތްތައްވެސް އޮތީ މަޑުޖައްސާލައިފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ، އެ އެއްބަސްވުމަށް އަމަލުކުރުމުގެ މަސައްކަތް ފައްޓަވާފަ އެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
“މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ރުފިޔާގެ ވިޔަފާރި އެބަ ކުރެވޭ. އެހެންނަމަވެސް އެފްޓީއޭއަށް އަމަލުކުރަން ފެށުމާއެކު މި އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެ,” ހީނާ ވިދާޅުވި އެވެ.
ޗައިނާއާއެކު އިގްތިސާދީ ގުޅުން ހަރުދަނާކުރުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ހީނާ ފާހަގަކުރެއްވި އެވެ. މިގޮތުން، މިދިޔަ ހަފުތާގައި ޗައިނާއާއެކު ކަރަންސީ ސެޓަލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމަށާއި، ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެފްޓީއޭގެ ދަށުން ޗައިނާއަށް ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް ޑިއުޓީ ނެގުން އިސްތިސްނާކުރުން ފަދަ ފައިދާތައް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން، ސަރުކާރުން ދަނީ އެހެން ގައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާއާއެކު އެފްޓީއޭއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ތުރުކީއާއެކު އެފްޓީއޭއެއް މީގެ ދެ ހަފުތާ ކުރިން އެކުލަވާލާފައިވާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.