ހައްޖުގެ ކިއު ބޮޑުވެފައިވަނީ ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ކޮވިޑްގެ ދުވަސްވަރަށްފަހު ދެ ތިން އަހަރު ވަންދެން ހައްޖަށް ނުދެވިފައި ތިބި މީހުން އެބަތިބި ކަމަށާއި، މި މައްސަލަ ދިމާވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ސައުދީ އަރަބިއްޔާއިން މިހާރު ގައުމުތަކަށް ކޯޓާ އެއްވެސް ހައްދެއްނެތި އިތުރު ކުރުމުގެ ސިޔާސަތެއް ނުގެންގުޅޭ ކަމަށެވެ. އަދި ޖާގަ އިތުރުކުރަމުންދަނީ އެތަނުގެ ޖާގަ ހުރި މިންވަރަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑްގެ ދުވަސްވަރުގެ ކުރިން ފެށިގެން ހައްޖަށް ދާން ފައިސާ ދައްކާފައިވާ 3000 އެއްހާ މީހުން ހައްޖަށް ދިއުމުގެ ކިއުގައި އެބަތިބި ކަމަށް ޝަހީމް ހާމަކުރެއްވި އެވެ.
ހައްޖު ކިއު ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ސައުދީ އަރަބިއްޔާގެ ސަރުކާރާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއަށް މިވަގުތު ލިބެނީ އަހަރަކަށް 1000 ހައްޖު ކޯޓާ ކަމަށާއި، މި އަދަދު އިތުރު ކުރުމަށް ސަރުކާރުން ސައުދީއާއިއެކު މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ހައްޖުގެ ބެކްލޮގް ކްލިއާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.