Ad

ބޯން މެރޯ ހެދުމަށް ޒަކާތު ފަންޑުން 10 މިލިއަން ރުފިޔާ

ބޯންމެރޯ ފަރުވާއަށް ޒަކާތު ފަންޑުން މި އަހަރު 10 މިލިއަން ރުފިޔާ ހެލްތް މިނިސްޓްރީއާ ހަވާލުކުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިފަދައިން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ޝަހީމް ވިދާޅުވީ ފަގީރުންގެ ތެރޭގައި ބޯންމެރޯ ހަދަން ބޭނުން ޖެހިފައި ތިބި އެކި އެކި ފަރާތްތައް އެބަ ތިބި ކަމަށާއި ކުދިންނާއި މައިންބަފައިންވެސް ދަތި ހާލުގައި އުޅެމުންދާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ޒަކާތު ފަންޑަކީ ހަމައެކަނި ކޭޝް ފައިސާގެ ގޮތުގައި ބަހަން ބޭނުންކުރެވޭ އެއްޗަކަށް ވުރެ ބޮޑަށް ފަގީރު މީހާއަށް ދިމާވާ ދަތިތައް ހައްލުކޮށް އުފާވެރިކަން ގެނެސްދިނުމަކީ އޭގެ މަގުސަދެއް ކަމަށެވެ.

"އެހެންކަމުން މި އަހަރުގައި 10 މިލިއަން ރުފިޔާ ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ހަރަދު ކުރުމަށް ހެލްތް މިނިސްޓްރީއާ ވާނީ ހަވާލުކޮށްފައި."

އޭގެ އިތުރުން ޒަކާތު ފަންޑުން ފަލަސްތީނު ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ އެހީތެރިކަމުގައި ބައިވެރިވުމަށް އެއްލައްކަ ޑޮލަރު ހަދިޔާ ކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ފައިސާ ފޮނުވާއިރު ވަރަށް ބައިވަރު އިޖުރާތްތަކެއް މިހާރު ފުރިހަމަކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ ފައިސާ ފޮނުވުމަށްޓަކައި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ގަތަރުގެ ރެޑް ކުރެސެންޓާއެކު އެއްބަސްވުމެއް ގާއިމުކޮށް އެ ފައިސާ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މީގެ ކުރިން އެ ފަންޑާއެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާ 50 ކުދިންގެ ބޯންމެރޯ ހަދާނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭން ނިންމާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *