Ad

ހާސްވުމާއި ކަންބޮޑުވުމުން ދުރުވުމަށް މިކަންކަން ކޮށްލާ!!

އިންސާނުންގެ ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ހާސްވެ ކަންބޮޑުވާ ޒާތުގެ ކަންކަން ދިމާވެއެވެ. އެކި މީހުން ހާސްވެ ކަންބޮޑުވަނީ އެކި ކަންކަމުގައެވެ. އަދި އެކި މީހުންގެ ހާސްވެ ކަންބޮޑުވުމުގެ ބައި ހުންނަނީ އެކި މިންވަރުގައެވެ.

އެހެންނަމަވެސް މީގައި ފާހަގަކޮށްލަންޖެހޭ ކަމަކީ އެހާ ބޮޑަށް ކަންތައްތަކާއި ހާސްވެ ކަންބޮޑުވުމަކީ މީހާގެ ސިއްހަތަށް ވަކިން ޚާއްސަކޮށް ސިކުނޑިއަށް އެހާ ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި ކަންކަން ދިމާވާނެ އެވެ. އެހެންނަމަވެސް ވިސްނުންތެރިކަމާއި ބުއްދިވެރިކަމާއެކު އަދި ވަކިން ޚާއްސަކޮށް ނަފުސަށް އޮންނަ އިތުބާރާއެކު އެކަންކަމާއި ކުރިމަތިލާ އެކަންކަން ހައްލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފައިސާގެ މައްސަލަ، އާއިލީ މައްސަލަ، ބޭނުންވާ ވަޒީފާ ނުލިބުން، ކޯހުން ފާސްނުވުން މިފަދަ ކަންކަމަކީ މީހުން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވާ ކަންކަމެވެ. އަދި މިކަންކަމުގެ ތެރޭގައި މީހުންގެ ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރަން ޖެހޭ ކަންކަމެވެ. އެހެންކަމުން މިކަންކަމާއި ކުރިމަތިލާއިރު މީހާ ހަމަޖެހިފައި ހުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

އެހެންކަމުން މިލިޔުމުގައި މިހަމަނާލަނީ ހާސްވެ ކަންބޮޑުވާނަމަ ކުރެވިދާނެ ނުވަތަ އެކަންކަމުން ދުރުވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

1– ރީތި މަންޒަރެއް ސިކުނޑީގައި ސިފަކޮށްލުން:  

ސިކުނޑީގައި ރީތި މަންޒަރުތައް ސިފަކުރުމަކީ ހިތްހަމަޖެހުން އިހުސާސްވެ ސިކުނޑިއަށް ލުއި ލިބޭކަމެއްކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ. އެގޮތުން ތިމާ އަށް ހިތްހަމަޖެހުން ލިބިދޭ ފަދަ ތަންތަން ހިތަށް ގެނެސް އެފަދަ ތަނެއްގައި ތިމާ ހުރިކަމަށް ސިފަކޮށްލެވިދާނެ އެވެ. އެގޮތުން ހެދުމުގެ ސަބަބުން ހާސްވެ ކަންބޮޑުވާ ކަންކަމުން ސިކުނޑި ދުރުކޮށްދެ އެވެ.

މިކަމާއި ގުޅޭގޮތުން ތަފްސީލު ދެއްވަމުން ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމުގައިވާ ޑރ ކިރެން ޝްނެކް ވިދާޅުވީ މިގޮތަށް ސިކުނޑިއަށް ސިފަކުރާއިރު އެމީހަކަށް ހިތްހަމަޖެހުން ގެނެސްދޭ ތަނެއް، މަންޒަރެއް ނުވަތަ ކުރިން ހިނގާފައިވާކަމެއް ގެނެވިދާނެ އެވެ. އަދި އެ ސިފަކުރުން ސިކުނޑިއަށް ގެނެސް އޭގެ ކޮންމެ ކަމަކަށް ތަފްސީލީ ގޮތަކަށް ދެވޭތޯ މަސައްކަތްކުރާށެވެ. އެތަނެއްގެ ވަށައިގެންވާ ހުރިހާ ތަނަކަށް ބަލާ ފެންނަ މަންޒަރުގެ ފުނަށް ވާސިލްވޭތޯ މަސައްކަތްކުރާށެވެ. ފެންނަ އެއްޗަކާއި އިހުސާސްވާ އިހުސާސްވުމާއި ދުވާ ވަހާއި މިފަދަ ކަންކަން ދެނެގަތުމަށް މަސައްކަތް ކުރާށެވެ.

މީގެއިތުރުން ކުރިން ތަޖުރިބާ ކޮށްފައިވާ އުނދަގޫ ހާލަތެއް އަދި އެކަމުން މިހާރު އަރައިގަނެވިފައިވާ ކަމެއްވެސް މިގޮތަށް ސިފަކުރެވިދާނެކަމަށް ޑރ ކިރެން ވިދާޅުވިއެވެ. ގިނަ ފަހަރަށް އުނދަގޫ ކަމަކުން އަރައިގަނެވުމުން އެކަމެއް އަވަހަށް ހަނދާން ނައްތާލެވެ އެވެ. އެހެންކަމުން ހިތްހަމަޖެހޭ ތަނެއްގައި އިށީންދެ އިނދެ މަޑުމަޑުން ނޭވާލަމުން އެފަދަ ހާދިސާއެއް ނުވަތަ ކަމެއް ހިތަށް ގެންނާށެވެ. އަދި އެކަމުން އަރައިގަތުމަށް އެމީހަކު ކުރިކަންތައްތައް ސިފަކޮށް އިހުސާސްކުރެވުނު ކަންތައްތައް ހިތަށް ގެންނާށެވެ. އޭގެ އެންމެ ފުނާ ހަމައަށް ދިޔުމަށް މަސައްކަތްކުރާށެވެ. އޭރުން މިހާރު ތި ކުރިމަތިވެގެން އުޅޭ ކަމަކުން ސަލާމަތްވުމަށްވެސް ފަސޭހަވެ ކަންކަން ކުރަންވީ ގޮތް އެނގިގެންދާނެ އެވެ. ސިކުނޑިއަށް ލުއި ކަމެއް ލިބި ހަށިގަނޑަށް ފަސޭހަވެގެންދާނެ އެވެ.

2- ލަވައެއް ކިޔާލުން:

މިޔުޒިކާ ލަވައަކީ ވަރަށް ގިނަ މީހުންގެ ސިކުނޑިއަށް ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ބައެއް މީހުންނަށް ބައެއް ކަހަލަ މިޔުޒިކް ނުވަތަ ލަވައެއް އަޑުއިވުމުން މުޅި މޫޑް އެއްކޮށް ބަދަލުކޮށްލައެވެ. ހަށިގަނޑަށް މުޅިން އެހެން ދިރުމެއް ގެނެސްދެއެވެ. މީގެއިތުރުން ލަވަ ކިޔުމަކީވެސް ބައެއް މީހުން ހިތްހަމަޖެހުމަށް ކުރާ ކަމެކެވެ. ތަފާތު އެކި ކަންކަމުގައި މަސްއޫލުވެއުޅޭއިރު ލަވަ ކިޔުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. މިގޮތަށް ލަވަ ކިޔުމަކަށް ކޮންމެހެން މޮޅު ލަވަކިޔުންތެރިއަކަށް ވާކަށް ނުޖެހެއެވެ. އެމީހަކަށް އެނގުނު ގޮތަކަށް މިކަން ކުރެވިދާނެ އެވެ.

މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސައިންސް ބުނާގޮތުން ލަވަ ކިޔުމުން ނުވަތަ އަޑުއެހުމުން ސިކުނޑިއަށް ލުއިކަމެއް އިހުސާސްވަނީ މިޔުޒިކާއެކު އަންނަ ވައިބްރޭޝަންގެ ސަބަބުންނެވެ. ކަންފަތާއި ކަރުތެރޭގައި މިޔުޒިކްގެ ސަބަބުން އުފެދޭ ވައިބްރޭޝަން މީހާއަށް ލުއިކަމާއި ފަސޭހަކަން އިހުސާސްކޮށްދޭ މައި ނާރު މަސައްކަތްކުރުމަށް އެހީތެރިވެދެއެވެ. އެކަމާއި ގުޅިގެން ނާރުގެ ނިޒާމު އެމަގަށް މަސައްކަތްކޮށް ހާސްވެ ކަންބޮޑުވުމުން މީހާ ދުރުކޮށްދެ އެވެ. އަދި މީހާ ހަމައަކަށް އެޅި ހަމަޖެހުން ގެނުވައެވެ.

އެހެންކަމުން ބުރަ މަސައްކަތެއްގައި އުޅޭއިރު ނުވަތަ އެހެންވެސް އުނދަގޫކަމެއް އިހުސާސްވުމުން ލަވައެއް ކިޔާލުމަށް ނުވަތަ އަޑުއަހާލުމަށް ވަގުތު ހޭދަކޮށްލުން ކިހިނެއްވާނެބާ؟ ފަސޭހައިން އިށީންދެގެން އިނދެވޭ ކަހަލަ ތަނެއްގައި އިށީންދެ ލޯ މަރާލައިގެން އިނދެ 10 ވަރަކަށް މިނެޓް މިގޮތަށް ހޭދަކޮށްލިއަސް މީހާ ހާސްކަމާއި ކަންބޮޑުވުމުން ދުރުކޮށްދިނުމަށް އެހީތެރިވެދޭނެ އެވެ.

3- ހިތަށް އަންނަ ކަންކަން ލިޔުން:

އިންސާނާގެ ހިތަށް ދުވާލަކު އެތައް ކަމެއް އަރާފައިބައިގެންދެ އެވެ. ހިތުގައި އުފެދޭ ޝުއޫރުތައް ގަނޑެއްގައި ނުވަތަ ފޮތެއްގައި ލިޔުމަކީވެސް ސިކުނޑިއަށް ހަމަޖެހުން ގެނެސްދީ ލުއި ކަމެއް ގެނެސްދޭނެ ކަމެކެވެ. ވަކިން ޚާއްސަކޮށް ނިދުމުގެ ކުރިން މިގޮތަށް ލިޔުމުން ހިތަށް ފަސޭހަކަމެއް ލިބޭނެ އެވެ.

މިގޮތަށް ލިޔާކަށް ވަކި ކަމެއް ނޯވެއެވެ. އެމީހެއްގެ ހިތުގައި ހުންނަ ކޮންމެ ކަމެއް ލިޔެވިދާނެ އެވެ. އަދި މިގޮތަށް ލިޔާއިރު ޖުމްލަތައް ހުރީ ހަމަޖެހޭގޮތަށްތޯވެސް ކޮންމެހެން ބަލާކަށް ނުޖެހެއެވެ. އެމީހަކަށް ލިޔެވުނު ގޮތަކަށް ލިޔެ ހިތުގައިވާ ޝުއޫރުތައް ކަރުދާހުގައި ބަޔާންކުރަމުން ގެންދާނީއެވެ.

މިގޮތަށް ލިޔާއިރު ކޮންމެހެން ދުވާލުގެ ވަކި ގަޑިއެއް މިކަމަށް ޚާއްސަކުރާކަން ނުޖެހެއެވެ. އެކަން ކުރުމަށް ހިތަށް އެރުމާއެކު ހަމަ ލިޔަންވީ އެވެ. ލިޔުމަށް ފަންސުރެއް ނުވަތަ ގަލަމެއް އަދި ފޮތެއް ނުވަތަ ގަނޑެއް ނުފެނިއްޖެނަމަ އެމީހަކު ގެންގުޅޭ ފޯނުގައި އެވާހަކަތައް ލިޔެވިދާނެ އެވެ. ނުވަތަ ފޯނުގައި އެވާހަކަތައް ރިކޯޑް ކުރެވިދާނެ އެވެ. ބޭނުމަކީ ހިތުގައި ހުރި ޝުއޫރުތައް ނުވަތަ ސިކުނޑީގައި ހުރި ކަންތައްތައް ބޭރުކޮށްލުމެވެ. އޭރަށް ފަހުންވެސް އެކަންކަން ބަލާލެވޭނެ އެވެ. އަދި އެކަމުންވެސް ތިމާގެ ސިކުނޑިއަށް ލުއިކަމެއް ލިބޭނެ އެވެ.

4- ޔޯގާ:

މިޒަމާނުގައި ގިނަ ބަޔަކު ޔޯގާ ހަދައެވެ. ޔޯގާގެ ސަބަބުން ހަށިގަނޑާއި ސިކުނޑިއަށް ލުއިކަމެއް ލިބެއެވެ. ޔޯގާ ހަދާނެ އެކި ގޮތްގޮތް ހުރެއެވެ. ޔޯގާގެ އެކި ޕޯސްތައް ބަޔާންކޮށް އިންޓަރނެޓްގައި އެތައް ބައިވަރު މައުލޫމާތެއް ހުރެއެވެ. ކޮންމެ ދުވަހެއްގެވެސް 15 ވަރަކަށް މިނެޓް މިކަމަށް ހޭދަކޮށްލާ ހަށިގަނޑަށް ލުއިކަން ގެނައުމަށް މަސައްކަތްކުރެވިދާނެ އެވެ.

 

5- ހިނގާލަން ދިޔުން:

ހިނގުމަކީވެސް މީހާގެ ސިކުނޑި ޚިޔާލުތަކުން ދުރުކޮށްދީ ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ވަކިން ޚާއްސަކޮށް އެމީހަކު ބަލަން ބޭނުންވާ މަންޒަރެއް ބަލާލުމަށް ނުވަތަ ހިތްހަމަޖެހުން ގެނެސްދޭ ތަނެއްގެ ތެރޭގައި ހިނގާލުމުން ސިކުނޑި އަށް ހަމަޖެހުން ލިބެދެއެވެ. މިސާލަކަށް ޕާކެއްގެ ތެރެ، ގަސްތަކެއްގެ ތެރެ، މޫދު ކައިރި ގޮނޑުދޮށުގައި ހިނގާލުން ފަދަ ކަންކަން ކުރެވިދާނެ އެވެ. މިގޮތަށް ހިނގާއިރު ވަށައިގެން ފެންނަ މަންޒަރުތަކަށް ސަމާލުކަންދޭށެވެ. ވީހާވެސް ބޮޑަށް ތިމާ ހާސްވެ ނުވަތަ ދިމާވެގެން އުޅޭ މައްސަލަ ހިތަށް ނުގެނެސްވޭތޯ ބަލާށެވެ. އެވަގުތުގެ ތެރޭގައި ސިކުނޑި އެހުރި ތާކަށް ދޫކޮށްލާށެވެ.

އިރުއޮއްސޭ މަންޒަރު ބަލާލުން، އިރުއަރާ މަންޒަރު ބަލާލުން، ފެންނަ މަންޒަރުތައް ފޮޓޯ ނެގުން ފަދަ ކަންކަމަކީވެސް ކުރެވިދާނެ ކަންކަމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *