Ad

ކޮވިޑުން ސަލާމަތްވެ ސަލާހު ތަމްރީންތަކަށް!

ކޮވިޑް-19 އިން ރަނގަޅުވެ ލިވަޕޫލުގެ ފަރިތަކުރުންތަކަށް ނުކުންނަން މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ފަށައިފިއެވެ.

ވައިރަހުގެ އެއްވެސް އަލާމާތެއް ސަލާހުގެ ހަށިގަނޑުން ފެނިފައިނުވާއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހު އޭނާ ވަނީ ކޮވިޑް-19 އަށް ދެވަނަ ފަހަރަށް ޓެސްޓު ކޮށްފައެވެ. އަދި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވް ކަމަށް މިސްރުގެ ފުޓްބޯޅަ އިދާރާއިން ހާމަކުރިއެވެ.

ސަލާހް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ބައިނަލްއަގުވާމީ ބްރޭކުގައި ފަރިތަކުރަމުން ދަނިކޮށެވެ. މި މަހުގެ 12 ވަނަ ދުވަހު މިސްރުގެ ކުޅުންތެރިން ވައިރަހަށް ޓެސްޓު ކޮށްފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވީ ސަލާހު އެކަންޏެވެ. އެއާއެކު ސަލާހު ވަނީ ސެލްފް-އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ސަލާހަށް ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މިސްރުން ކުޅުނު ދެ މެޗުވެސް ގެއްލިފައެވެ. އެއީ ކޮލިފައިންގައި އަމިއްލަ ގައުމުގަ އާއި ރަށުން ބޭރުގައި ޓޯގޯ އަތުން މިސްރު މޮޅުވި ދެ މެޗެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން 3-0 ން ލިވަޕޫލް މޮޅުވި މެޗުގައި ސަލާހު ކުޅެފައެއް ނުވެއެވެ.

މެޗަށްފަހު ވާހަދައްކަމުން ލިވަޕޫލުގެ ކޯޗް ޔާގެން ކްލޮޕް ބުނީ އެންމެ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާއިން ސަލާހު ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށާއި، އެހެންކަމުން އެޓީމުން ހޯމަ ދުވަހު ބާއްވާ ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވާނެ ކަމަށެވެ. އަދ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ކުރިން ޔުއެފާއިން ހަދާ ޓެސްޓުތަކުގެ ނަތީޖާއަށް ބެލުމަށްފަހު، މި ހަފުތާގައި ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުންޏެވެ.

ސަލާހުގެ އިތުރު ޓެސްޓެއް ބުދަދުވަހުގެރޭ އެޓްލާންޓާއާ ދެކޮޅަށް ހަދާނެއެވެ. އަދި މި ޓެސްޓުގައި ޓީމުގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ބައިވެރިވާނެއެވެ.

ސަލާހު ކޮވިޑް-19 އިން ރަނގަޅުވުމަކީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ލިވަޕޫލަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *