އިނގެރޭސި ޕްރިމިއާ ލީގުގައި ލެސްޓަރސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗް 1-1 އެއްވަރު ވެއްޖެއެވެ.
ލެސްޓާ އިން ޕެލެސްއާ ދެކޮޅަށް ނުކުތީ އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ޓީމުގެ 8 ކުޅުންތެރިން ބަދަލުކޮއްގެންނެވެ.
މެޗްގެ ފުރަތަމަ ގޯލް ޖެހީ ކްރިސްޓަލް ޕެލަސްއިންނެވެ. ވިލްފްރެޑް ޒަހާގެ ލަނޑުން ޕެލެސް ކުރިހޯދާފަ ވަނިކޮށް ލެސްޓާ އަށް ނަތީޖާ ހަމަހަމަކޮއްދިނީ ހާވިއޭ ބާންސްއެވެ. އޭނާ މި ގޯލް ޖެހީ މެޗް ނިމެން ކައިރިވެފައި ވަނިކޮށެވެ. ރޭގައި ޒަހާ ޖެހި ލަނޑާއެކު އޭނާ މިސީޒަންގެ ޖެހި ލަނޑު އަދަދުވަނީ 8 އަށް އަރާފައެވެ. މިއީ އޭނާ ޕެލެސްއަށް ކުޅުނު 200 ވަނަ މެޗެވެ. ކެރިސްޓަލް ޕެލަސް މި މެޗާ ކުރިމަތިލީ މިދިޔަ ހަފްތާގައި ލިވަޕޫލް އަތުން 7-0 ވީ ބޮޑު ބައްޔާއެކުގައެވެ.
މެޗުގެ ފުރަތަމަހާފްގެ ކުރީ ކޮޅު ލެސްޓާއަށް ކުރި ހޯދަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުން ހިފޭގޮތްވަނީ ނުވެފައެވެ. ލެސްޓަރގެ އިލެނަޗޯ ޖެހި ޕެނެލްޓީ ޕެލެސްގެ ކީޕަރު ވިސްއެންޓް ގުއަޓިއާ ވަނީ ދިފާއުކޮއްފައެވެ.
މިނަތީޖާއެކު ލެސްޓާ ދެވަނައިގަ އޮތީ 16 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގަވާ އެވެންޓަން ވެސް ވަނީ 15 މެޗުން ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިފިއެވެ. ލީގުގެ އެއްނަވައިގަ އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ.