ހުޅުމާލޭގައި ފްލެޓް އަޅައި އެތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި މައްސަލާގައި ހޯދުމަށް އިންޓަރޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާ ސީ ލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މޫސާ (އައްމަޓީ) ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ސްރީލަންކާއިންނެވެ. އައްމަޓީ ހައްޔަރުކޮށްފައިވާކަން އޭނާގެ ގާތް ބައެއް މީހުން ކަށަވަރުކޮށްދިން ނަމަވެސް، އެކަން ދިވެހި ސަރުކާރުގެ އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރުކޮށްދިފައި ނުވެއެވެ.
އައްމަޓީ ހައްޔަރުކޮށްފދައިވަނީ އިއްޔެކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ހައްޔަރުކުރަން އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އައްމަޓީ ހައްޔަރުކުރުމަށް އިންޓަރޕޯލުން ނެރެފައިވާ ނޯޓިސްގައިވާ ބުނެފައިވާގޮތުން އޭނާއަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތުތަކެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމުގެ ބޮޑު މަޝްރޫއެއް އިއުލާނު ކުރީ ސަރުކާރުގެ ދުވަސްވަރުއެވެ. އެކަމާއި ގުޅޭ އެއްބަސްވުމުގައިވެސް ދޮއިކޯށްފައިވާއިރު، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެމައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފާ ގުޅޭ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.
ފްލެޓު ގަތުމަށް “ސީ ލައިފް ގްލޯބަލް”އަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދިނުމަށް އެޗްޑީސީން ނިންމެވުމުން މަޑުޖައްސާލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެޗްޑީސީއަށް އަންގައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވެފައިވަނީ، ސީލައިފްގެ މައްސަލައަކީ އެ ކޮމިޝަނުން ބަލަންޖެހޭ މައްސަލައަކަށް ވުމުގެސަބަބުން މައްސަލަބަލައި ނިމެންދެން ބަދަލު ހޯދުމުގެ ކަންކަން މަޑުޖައްސާލުމަށް އަންގައި އެޗްޑީސީއަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.