Ad

އިނގިރޭސި ޕްރިމިއާ ލީގު: ޔުނައިޓެޑް އަތުން ބަލިވެ، ސިޓީގެ މޮޅުވުމުގެ ރިކޯޑު ނިމުމަކަށް!

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ، މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި މޮޅުވުމުގެ ރިކޯޑަށް ނިމުން އަތުވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުން އެޓީމް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ސިޓީ އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕަ އަތުންނެވެ. އަދި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ވެސްޓް ބްރޮމާ އެއްވަރުވި ފަހުން، ހުރިހާ މުބާރާތެއްގައި ކުޅުނު 21 މެޗުން ސިޓީ ވަނީ މޮޅުވެފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ 15 މެޗުވެސް ހިމެނެއެވެ.

މެޗްގެ ފުރަތަމަ ގޯލް މެޗްގެ 2 މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒްއެވެ. މިއީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ އެންތަނީ މާޝިއަލަށް ސިޓީގެ ގަބްރިއެލް ޖީސޫސް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މެޗްގެ ދެވަނަ ގޯލް 50 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ދިން ޕާހަކުން ކާމިޔާބުކުރީ ޑިފެންޑަރު ލޫކް ޝޯއެވެ.

މި މޮޅާއެކު ޔުނައިޓެޑުން ލީގުގައި ރަށުން ބޭރުގައި ބަލިނުވެ 22 މެޗު ހަމަކުރިއިރު، އެ ޓީމުން ވަނީ ސިޓީގެ ލީޑު 11 ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން އެއްވަނައިގައި އޮތް ސިޓީއަށް 65 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 54 ޕޮއިންޓް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *