Ad

އިންގްލިޝް ޕްރިމިއާ ލީގު: ސަލާހްގެ ދެލަނޑާއެކު ވެސްޓްހަމްގެ މައްޗަށް ލިވަޕޫލުން ކުރިހޯދައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ވެސްޓްހަމް ޔުނައިޓަޑާއި ލިވަޕޫލް ވާދަކުރި މެޗު 3-1 އަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

މެޗްގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗްގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު 57 ވަނަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ސަލާހެވެ. މި ލަނޑަކީ ދެވަނަ ހާފުގައި ކުޅެން ނިކުން ޒުވާން މިޑްފީލްޑަރު ޖޯންސްގެ އެހީތެރިކަމާއެކު ސަލާހު ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ. އޭގެ 11 މިނެޓް ފަހުން މެޗްގެ 68 ވަނަ މިނެޓްގައި ސަލާހުގެ2 ވަނަ ގޯލާއެކު މެޗްގެ ނަތީޖާ 2-0 އެނބުރުނެވެ. މިގޯލް ސަލާހު ޖެހީ ޝަގީރީ ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅައަކުންނެވެ.

މެޗުގެ 84 ވަނަ މިނެޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފިރުމީނިއޯގެ އެހީތެރިކަމާއެކު މިޑްފީލްޑަރު ޖޯޖީނިއޯ ވަނައިލްޑަމްގެ ލިވަޕޫލްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރި އިރު، އޭގެ 3 މިނެޓްފަހުން މެޗުގެ 87 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ވެސްޓްހޭމުން ވަނީ ލަނޑެއް ޖަހާ ނަތީޖާ 3-1 އަކަށް ހަދާފައެވެ. މެޗު ނިމުނީ މި ނަތީޖާއާއެކުގައެވެ.

ލިވަޕޫލާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ތެރެއިން

މިއަހަރު ފެށުނު އިރު ތާވަލްގެ 1 ވަނައިގައި އޮތް ލިވަޕޫލް މިއަހަރު ފެށުނު ފަހުން މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ނަތީޖާއެއްގެ ގޮތުން ތާވަލްގެ 5 ވަނައަށްވެސް އެޓީމު ވެއްޓުނެވެ. މިމަހު ކުޅުނު 6 މެޗްގެ ތެރެއިން ފުރަތަމަ 5 މެޗުން މޮޅެއް ނުހޯދުނު އިރު އެޓީމު މޮޅުވީ މިދިޔަ ހަފްތާގައި ޓޮޓެންހަމް އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މިއީ 2021 ވަނަ އަހަރު ލީގުގައި ލިވަޕޫލުން ޖައްސަ ޖައްސައިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިނަތީޖާއާއެކު ލިވަޕޫލް މިވަނީ ލީގު ތާވަލުގެ ތިން ވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު 21 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. މިވަގުތު އެއްވަނައިގައި އޮތް ސިޓީއާއި ލިވަޕޫލާ މިހާރު އޮތީ ހަތަރު ޕޮއިންޓްގެ ތަފާތެވެ.

މިރޭގެ މެޗުން ބަލިވި ވެސްޓްހޭމް އަދި އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއީ ކުޅުނު 21 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *