އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބާންލީ ވާދަކުރި މެޗު 2-0 އަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.
މިއީ ޗެލްސީގެ ކޯޗު ކަމާ ތޯމާސް ޓުކުލް ހަވާލުވި ފަހުން އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފްތާގެ މެދު ތެރޭގައި އޭނާގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސްއާއި ދެކޮޅަށް ކުޅުނު މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މިމެޗުގައި ޗެލްސީން ޖެހި ދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ދެ ޑިފެންޑަރުންނެވެ. މެޗުގެ 40 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން އަޒްޕިލިކުއެޓާއެވެ. މެޗުގެ 84 ވަނަ މިނެޓްގައި ޗެލްސީގެ ދެވަނަ ލަނޑު އެޓީމަށް ޖަހާ ދިނީ މާކޯސް އެލަންސޯއެވެ. މި ލަނޑަކީ ކްރިސްޓިއަން ޕުލްސިކްގެ ހުރަހަކުން އެލަންސޯ ކާމިޔާބުކުރި ލަނޑެކެވެ. އެލަންސޯއަކީ ޗެލްސީގެ ކޯޗްކަމުން މިދިޔަ ހަފްތާގައި ވަކިކުރި ލަމްޕާޑުގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިއެއް ނޫނެވެ. މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން އެލަންސޯއަށް ޓީމުން ފުރުޞަތެއް ނުދެއެވެ. ނަމަވެސް އޭގެ ކުރިން ޗެލްސީއަށް ކޯޗް ކޮށްދިން ކޮންޓޭ ފަދަ ކޯޗުންގެ އިރުޝާދުގެ ދަށުން އެލަންސޯވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިއަދު ދެއްކި މޮޅު ކުޅުމާއެކު އޭނައަކީ ޗެލްސީއަށް އަދިވެސް މުހިންމު ކުޅުންތެރިއެއްކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.
މި ސީޒަންގައި ޗެމްޕިއަން ލިވަޕޫލް އަދި އާސަނަލް ވެސް ބަލިކުރި ބާންލީއަށް މިމެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. މިމެޗުން ދަށްވެ އެޓީމު މިހާރު އޮތީ 20 މެޗު ކުޅެގެން 22 ޕޮއިންޓް ހޯދައިގެން ތާވަލުގެ 17 ވަނައިގައެވެ. މިމެޗުން މޮޅުވުމުން ޗެލްސީން މިވަނީ ތާވަލުގެ 7 ވަނައަށް ޖެހިލާފައެވެ. އެއީ 21 މެޗު ކުޅެ 33 ޕޮއިންޓް ހޯދައިގެންނެވެ.