Ad
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އިދިކޮޅު ކެނޑިޑޭޓްގެ ކެނޑިޑެންސީ ބާޠިލުކުރި މައްސަލަ ސްޕްރީމް ކޯޓުގައި ތާވަލުކޮށްފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ވާދަކުރި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓް ގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރި މައްސަލައިގެ އަޑުއެހުން ސްޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މިމައްސަލައިގައި ޙަސަން މޫސާ ތަމްސީލުކުރަށްވައި އޭނާގެ ދިފާޢުގައި ވަކާލާތުކުރަށްވާ ފަރާތްކަމުގައިވާ މުޙައްމަދު ތަސްލީމް މިނޫހަށް މައުލޫމާތު ދެއްވަމުން ހާމަކުރެއްވި ގޮތުގައި މިމައްސަލައިގެ އަޑުއެހުން ސްޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރަށްވާ ތަސްލީމް މިމައްސަލައާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް އޭނާގެ ކިބައިގައި ފުރިހަމަ ވާކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ކަނޑައަޅުއްވައި ކެނޑިޑެންސީ ބަލައިގަތްކަމުގެ ރަސްމީ ލިޔުންވެސް 22 ފެބްރުއަރީ 2020 ވަނަ ދުވަހު ޙަސަން މޫސާއަށް ދޫކުރަށްވާފައި ވާކަމަށާއި އެހެންނަމަވެސް އޭގެ އަހަރެއްހައި ދުވަސްފަހުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ކުއްލިގޮތަކަށް ކޮމިޝަންގެ ބައްދަލުވުމަކުން ނިންމެވި ނިންމެވުމެއްގެ ދަށުން އޭނާގެ ކެނޑިޑެންސީ ބާޠިލުކުރަށްވާފައި ވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލުކުރަށްވައި އޭނާއަށް އެކަން އެންގެވި ލިޔުމުގައި، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ޙަސަން މޫސާގެ ކިބައިގައި ފުރިހަމަ ނުވާކަން އެކޮމިޝަނަށް ސާބިތުވާކަމަށް ބުނެ، ކޮމިޝަނުން ހައްދަވާފައިވާ ޤަވާޢިދެއްގައި ބަޔާންކުރާ ޢާންމު މާއްދާއެއްގެ ދަށުން، ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުންކަމަށް ބުނުއްވައި ކެނޑިޑެންސީ ބާޠިލުކުރަށްވާފައި ވީނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ އެނިންމެވުމަކީ މަދަނީ ޙައްޤުތަކާ ގުޅުންހުރި ނިންމެވުންތައް ޤާނޫނާ އެއްގޮތްވުމަށް ފުރިހަމަވާންޖެހޭ މައިގަނޑު ދެ އަސާސީ ނުކުތާވެސް އެނިންމެވުމުގައި ފުރިހަމަ ނުވާ ނިންމެވުމެއްކަމަށް ވެސް ތަސްލީމް ފާހަގަކުރެއްވިއެވެ.

ދަރިންގެ ޚަރަދާ ގުޅޭގޮތުން 2018 ވަނަ އަހަރު ކޯޓަކުން ކުރަށްވާފައިވާ ޙުކުމަކަށް ރިޢާޔަތްކުރަށްވައި ޙަސަން މޫސާގެ ސާބިތު ދަރަންޏެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނިންމެވުމުގައި ބުނެފައިވާ ބުނުމަށް އިޝާރާތްކުރަށްވައި ތަސްލީމް ފާހަގަކުރެއްވި ގޮތުގައި، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ސާބިތު ދަރަންޏެއް އެއްވެސް އިރެއްގައި ޙަސަން މޫސާގެ ނޯންނާނެ ކަމަށާއި އިންތިޚާބަށް ކުރިމަތި ލީ އިރުގައިވެސް އިންތިޚާބުގައި ވާދަކުރުމަށް ހުށައެޅި ހުށައެޅުމާއެކު ވެސް، ޙަސަން މޫސާގެ ކިބައިގައި ޤާނޫނުގައި ބަޔާންކުރާ ޝަރުޠު ފުރިހަމަވާކަން ޤާނޫނުގައި ވާގޮތުގެމަތިން ސާބިތުކޮށްދީފައި ވާނެކަމަށެވެ. ސާބިތު ދަރަންޏެއް އޮތްކަމަށް ބުނެ ޙަސަން މޫސާގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރަށްވާފައި ވަނީ، އިޖްރާއީ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާ ބާރެއްގެ ދަށުން މައުޞޫއީ ގޮތުންވެސް ޢަދުލުވެރިކަމެއް ނެތިމެ، ޤާނޫނާއި ޚިލާފަށްކަމަށްވެސް ތަސްލީމް ފާހަގަކުރެއްވިއެވެ.

ލޯކަލްކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމާއެކު ކަނޑޫދޫ ކައުންސިލަށް ވާދަކޮށްފައި ވަނީ ޖުމްލަ ދެ ކެނޑިޑޭޓުންނެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓްގެ އިތުރުން ކެނޑިޑެންސީ މިހިނދު ބާޠިލުކޮށްފައިވާ ޕީޕީއެމްގެ ކެނޑިޑޭޓެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ ނިންމެވުމާއެކު އިންތިޚާބަކާ ނުލައި އެމްޑީޕީ ކެނޑިޑޭޓަށް ރައީސްކަމުގެ ގޮނޑި މިހިނދު ކަށަވަރުވެފައި ވޭމެއެވެ.

ކުރިއަށް އޮތް ލޯކަލްކައުންސިލްތަކުގެ އިންތިޚާބު ކޮވިޑް-19 އާއި ގުޅިގެން އަހަރަކަށްވުރެ ގިނަދުވަސް މިހިނދުވެސް ފަސްވެގެން ގޮސްފައި ވާއިރު އެ އިންތިޚާބު ބޭއްވޭނެ ދުވަހެއް އަދިވެސް ކަށަވަރުނުވާކަން ޚުދު އިލެކްޝަންސް ކޮމިޝަނުންވެސް ދާދިފަހުން ހާމަކޮށްފައި ވާއިރު، އެއިންތިޚާބުގައި ވާދަކުރުމަށް އެދި ހުށައެޅި ގިނަ ޢަދަދެއްގެ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން ބައެއް ދާއިރާތަކަށް އޮޓަމެޓިކުން ކައުންސިލަރުން އިންތިޚާބުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *